އިދިކޮޅު އިއްތިހާދު "ސިޔާސީ ހަރަކާތް" ހިންގަން އިންޑިއާ އަށް ދަނީ

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ހަރަކާތްތައް އިންޑިއާގައި ފުޅާ ދާއިރާއެއްގައި ހިންގުމަށް ހާއްސަ ވަފްދެއް އެ ގައުމަށް ދިއުމަށް ނިންމައިފި އެވެ.
އިދިކޮޅު އިއްތިހާދުގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް މީޑިއާތަކަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ވަފްދެއް އިންޑިއާއަށް ދިއުމަށް ނިންމީ އިދިކޮޅު ހަރަކާތްތައް މަޑު ޖެހިފައިވާތީ އެވެ.
އިދިކޮޅު އިއްތިހާދުގެ މިދަތުރުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ހަރަކާތްތެރިވާނެ ކެމްޕޭން ޓީމެއް އެކުލަވާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ވަފްދުގައި ނިޔާޒްގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ އިން ބުނެއެވެ.
މިވަފްދުގެ ބޭފުޅުން އިންޑިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އެމްޑީޕީގެ ހަރަކާތްތައް އަވައްޓެރި އިންޑިއާ އާއި ސްރީލަންކާގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިންގިއެވެ. ނަމަވެސް އޭގެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާބޮޑު ހަރަކާތެއް ނުހިންގައެވެ. އަދި އޭގެ ފަހުން އިދިކޮޅު ސިޔާސީ ހަރަކާތްތައް އަވައްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި މާބޮޑަކަށް ނޯވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ