އަައްޑޫ ސިޓީ "ބޭސް ސިޓީ" އަކަށް ވުރެ ހާލު ބޮޑު: ރޮޒެއިނާ

އައްޑޫ ސިޓީ ގާއިމްކުރަން ބޭނުންވަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި މިހާރު އެ ސިޓީ "ބޭސް ސިޓީ" އަކަށް ވުރެ ވެސް ހާލު ބޮޑު ކަމަށް ތުލުސްދޫ ދާއިރާގެ ޑީއާރުޕީ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގެ ޖަދުވަލު ދޭއްގައި އިދާރީ ދާއިރާއެއްގެ ގޮތުގައި ހިމަނާފައިވާ އައްޑު އަތޮޅު ހިންގުމަށްޓަކައި ސިޓީ ކައުންސިލެއް އިންތިހާބު ކުރަންވާނެ ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ހިމެނުމަށް ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް ގާއިމްކުރަން ބޭނުންވަނީ ބަޔަކު ކޯޓަށް ދިޔަސް އެ ސިޓީ އުވިގެން ނުދާނެ ގޮތަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން އުޅެނީ އައްޑު އަތޮޅަށް "އިތުރު މުސީބާތެއް ޖައްސައިގެން" ކަމަށާއި އެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ރޮޒެއިނާ ވިދާޅުވީ އައްޑޫ ސިޓީ މިހާރު ގާއިމްކޮށްފައިވާއިރު ހިންގުމުގެ އެއްވެސް އޮނިގަނޑެއް ނެތް ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ސިޓީގެ ބައެއް ރަށްރަށުގެ ފަރާތުން އެ ހުންނަވާ ކައުންސިލަރު، ބައެއް ފަހަރު މަގުމަތިން ދާ މީހަކާ ވެސް އޮފީސް ހަވާލުކޮށްލާފައި ނިކުމެގެން އެބަ ދޭ. އޭގެ ބަދަލުގައި ހަސަން ލަތީފު އެ އުޅުއްވަނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ގާނޫނީ ބާރުތައް ލިބިފައިވާ ބޯޑުތަކަކުން އެކުލަވާލައިގެން އެގޮތުން އައްޑު އަތޮޅަކީ ވެސް ގާނޫނީ އިމުގެ ތެރެއިން، ގާނޫނީ ބާރުތަކެއް ލިބިގެން ހިނގާ ސިޓީއަކަށް ހެދުމަށްޓަކައި،" ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލް އެމްޑީޕީން ގާއިމް ކޮށްފައި ވަނީ "މުޒާހަރާގެ އޮނިގަނޑެއްގެ ތެރެއިން" ނެވެ.
"އެހެންވީމަ އެ ހިސާބަށް ދިޔައީމަ އަޅުގަނޑު ދަންނަވާނީ މިހާރު މި އޮތީ އައްޑޫގައި ހަގީގަތުގައި ސިޓީއެއް ހެދިފަ[އެއް] ނޫނޭ،" ރޮޒެއިނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލް އުފެއްދުމުގެ ވާހަކަ ގާނޫނުގައި ހިމެނުމަށް ހުށަހެޅުއްވި ހަސަން ލަތީފު ވިދާޅުވީ އެކަން ކުރެއްވީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއި ރައްޔިތުން ބާރުވެރިކުރުވުމުގެ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވޭނެ ގޮތެއް ހޯއްދެވުމަށްޓަކައި ކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އުފައްދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ކޯޓުތަކަށް މައްސަލަތައް ހުށަހަޅަމުންދާއިރު އެކަމަށް ގާނޫނީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
"އެ ސަބަބަށްޓަކައި އަޅުގަނޑު ނުކުމެ މި ހުރީ. ހަގީގަތުގައި އަޅުގަނޑު މި ބިލް ހުށަހެޅީ ވެސް އެ މައްސަލަ ގާނޫނީ އޮނިގަނޑުގެ ތެރެއިން، ގާނޫނީ އިމުގެ ތެރޭގައި ފުރިހަމަ ކުރުމުގެ މަގުސަދުގައި،" ހަސަން ލަތީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީ ގާއިމްކޮށްފައިވީ ނަމަވެސް އެ ސިޓީގެ ރައްޔިތުން ތިބެނީ އަބަދު ސުވާލުތަކެއްގެ ތެރޭގައި ކަމަށެވެ.
މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގެ ސަބަބުން އައްޑޫ ސިޓީ ކައުންސިލް އުފެދިފައި އޮތް އޮތުމަށް ހުރަސް އެޅޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން އައްޑު އަތޮޅަށް ލިބޭނީ ފައިދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި މި ބިލް ގާނޫނަކަށް ވެއްޖިއްޔާ އަޅުގަނޑު ހިތުން މިހާރު ކޯޓުތަކަށް މީހުން އެ ހުށަހަޅާ މައްސަލަތަކަށް ހައްލެއް އަންނާނެ. އެއީ ސުޕްރީމް ކޯޓުން ކުރެއްވި ހުކުމަކީ އެއްވެސް ހާލެއްގައި އައްޑޫގައި ސިޓީ ކައުންސިލް ހަދާކަށް ކުރެއްވި ހުކުމެއް ނޫން. އަޅުގަނޑު ވެސް އަޑު އެހިން. އޭގައި ވިދާޅުވަނީ އިންތިހާބު ބާއްވަން ވާނެއޭ. އެހެންވީމަ އެ ހުކުމުން ވެސް ބައެއް ބޭފުޅުން ސުވާލު އުފައްދައިގެން ފާޑުފާޑުގެ މައްސަލަތައް އެ ހުށަހަޅުއްވަނީ ގާނޫނުގައި ސީދާ ސަރީހަކޮށް މިކަން ބަޔާންކޮށްފައި ނެތީމަ،" އަޒީޒު ވިދާޅުވި އެވެ.
މި އިސްލާހާ ދެކޮޅަށް ވާހަކަ ދެއްކެވީ މުޅިން ވެސް އެމްޑީޕީ މެމްބަރުންނެވެ. އެ ބޭފުޅުން މައިގަނޑު ގޮތެއްގައި ވިދާޅުވީ އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއް މިހާރު އެބަ އޮތް ކަމަށާއި އަނެއްކާ ކައުންސިލެއްގެ ވާހަކަ ބަޔާންކޮށް ގާނޫނަށް އިސްލާހު ގެންނަވާތީ ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކު އެ މަނިކުފާނު [ހަސަން ލަތީފު] އަރިހުން އެދެން އައްޑޫގައި މިހާރު އޮތީ ސިޓީ ކައުންސިލެއް ހެދިފައޭ. ސިޓީއެއް ހިނގަމުންނޭ ދަނީ. އިތުރަށް ގާނޫނީ ބިރުވެރިކަމެއް އެ މަނިކުފާނަށް ހީވާ ކަމުގައިވާ ނަމަ އަޅުގަނޑުމެންނާ ވާހަކަ ދައްކައިގެން ވެސް އެކަން ހައްލުކުރެވިދާނެއޭ،" ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ހަސަން ލަތީފު އިސްލާހު ހުށަހެޅުއްވީ އައްޑޫގެ ހުރިހާ ރައްޔިތުންގެ ވިންދާ ހިލާފަށް ކަމަށެވެ. އަދި އެ އިސްލާހާ އިންކާރު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ ބިލް ހުށަހަޅުއްވާފައި ވަނީ "ވަރަށް މަކަރުވެރި" އަދި "ވަރަށް ހީލަތްތެރި ގޮތަކަށް" އޮޅުވާލައިގެން ކަމަށެވެ. އެ ގޮތުން ބިލުގައި މަސައްކަތް ކޮށްފައި ވަނީ އަތޮޅު ކައުންސިލެއް ހޮވާ އުސޫލުން އައްޑޫ ސިޓީ ހޮވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް މަކަރުވެރި ކަންތައްތަކެއް މި ކުރަނީ. މަކަރާއި ހީލަތުން، މި މަޖިލީހަށް ވެސް އޮޅުވާލައިގެން، ތާކުންތާކު ނުޖެހޭ އިސްލާހުތައް މިތަނުގައި ފާސްކުރަން މި އުޅެނީ،" އަލްހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ