ރައްޔިތުން ބޭނުންވާ ގޮތަށް ނޫނީ ހިތަދޫ ބަނދަރު ނުހެދޭނެ ކަމުގެ އިންޒާރު ދީފި

ރައްޔިތުން ހުށަހަޅާފައިވާ ގޮތަށް ނޫނީ ސ.ހިތަދޫ ބަނދަރު ނުހެދޭނެ ކަމުގެ އިންޒާރު ހިތަދޫ މަދަނީ އިއްތިހާދުން ދީފި އެވެ.
ވޯކްސް ކޯޕަރޭޝަނާ ހަވާލުކޮށްގެން ސ. ހިތަދޫ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު ބަނދަރު ހަދާ ގޮތާ ދޭތެރޭ ރައްޔިތުންގެ ތެރޭގައި ޝަކުވާތަކެއް ވަނީ އުފެދިފަ އެވެ.
ހިތަދޫގެ ފަސް ޖަމިއްޔާއެއް އެކުވެގެން ހަދާފައިވާ މަދަނީ އިއްތިހާދުން އިއްޔެ ސިޓީ ކައުންސިލާ ބައްދަލުކޮށް ބުނީ މިހާރު ބަނދަރު ހަދަމުން އަންނަ ޑިޒައިނުގެ ބަދަލުގައި ރައްޔިތުން ހުށަހަޅާފައިވާ ޑިޒައިނާ އެއްގޮތަށް ނޫން ގޮތަކަށް ބަނދަރު ހަދާ ނަމަ އެކަން ހުއްޓުވާލާނެ ކަމަށެވެ.
ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ހިތަދު އަށް ނިސްބަތްވާ ތިން ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން މަދަނީ އިއްތިހާދުގެ ފަރާތުން ބުނީ ބަނދަރު މިހާރު ހަދަމުންދާ ގޮތާ ދޭތެރޭ ރައްޔިތުން އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭ ކަމަށެވެ. އެގޮތުން ރަށުގައި ބަނދަރެއް ހެދުމުގެ ބަދަލުގައި، ކުރަމުން އަންނަ މަސައްކަތްތަކަކީ އެތަނުގައި މިހާރު އޮތް ތޮށިގަނޑުން ހަލާކުވެފައިވާ އޮތް ބަޔާ ގުޅުވައިގެން ތޮށިގަނޑެއްލުން ކަމަށް މަދަނީ އިއްތިހާދުން ބުންޏެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ބަނދަރެއް ކަމަށް ހިތަދޫ މި ހަދަނީ. ހަލާކުވެފައި އޮތް ތޮށިގަނޑާ ގުޅުވައިގެން ތޮށިގަނޑެއް ލަނީ. ބަނދަރެއް ނޫން ހަދަނީކީއެއް ނޫން. ބަނދަރެއް ހަދާ ނަމަ އެކަން ކުރާނީ އެތަން ބޭނުން ކުރަން ތިބި ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ވަސީލަތްތަކާ އެކު،" އިއްތިހާދުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެކަމަކު އެކަން އެ ދަނީ އެގޮތަކަށް ނޫން. މި ތަނުގައި ނެރެއް ވެސް ނެތް. ބޭރު ތޮއްޓެއް ނެތް. ކަމަކަށް ކަމެއް ކުރަންވެގެން ހުސް އެކަނި ކީވޯލެއް އެ ޖަހަނީ. އެކަން އެގޮތަށް ކުރެވިގެން ނުވާނެ. ރައްޔިތުން ބޭނުންވާ ގޮތް ނޫން ގޮތަކަށް ހިތަދޫގެ
ބަނދަރު ކުރިއަށް ނުގެންދާ ނަމަ ރައްޔިތުން ނިކުމެ ދެން އެކަން ހުއްޓުވާނީ."
އެހެންވެ މިއީ އެއްވެސް ފައިދާއެއް ހުރި ގޮތަކަށް ކުރިއަށް ގެންދެވޭ މަޝްރޫއެއް ނޫން ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތް ނޫން ގޮތަކަށް މިކަން ހުއްޓާ ނުލައި ކުރިއަށް ގެންދާ ނަމަ ރައްޔިތުން ނިކުމެ، ބަނދަރުގެ މަސައްކަތް ހުއްޓުވާލާނެ ކަމުގެ އިންޒާރު ކައުންސިލަރުންނަށް އިއްތިހާދުގެ ފަރާތުން ވަނީ ދީފަ އެވެ.
ބަނދަރު ހަދަމުންދާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހޭތީ އިއްތިހާދުގެ ފަރާތުން ވަނީ ބަނދަރު ހެދިދާނެ އަދި ދުރު މުސްތަގުބަލަކަށް ފައިދާ ކުރާނެ ގޮތަކަށް ފަރުމާކޮށް ކައުންސިލަށް ޑިޒައިނެއް ވެސް ހުށަހަޅައިފަ އެވެ. އެގޮތުން ކައުންސިލުން ވަނީ އެ ޑިޒައިނަކީ ވަރަށް ރަނގަޅު ޑިޒައިނެއް ކަމަށް ފާހަގަކޮށް، ހައުސިން މިނިސްޓްރީ އަށް ވެސް ހުށަހަޅައިފަ އެވެ.
މޭޔަރު އަބްދުﷲ ސޯދިގު(ސޯބެ) ވިދާޅުވީ ރައްޔިތުން ހުށަހެޅި ޑިޒައިނާ ދޭތެރޭ މިނިސްޓްރީން ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
ނަމަވެސް ހިތަދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ ކޮންޓްރެކްޓަރު ފައިނޭންސްކުރާ ގޮތަށް ކަމަށް ވުމާ އެކު، ކުރިން އޮތް ޑިޒައިން ނޫން ގޮތަކަށް ބަނދަރު ބަދަލުކުރާ ނަމަ މިކަމަށް އިތުރު ހަރަދުތަކެއް ދާނެ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.
"މިނިސްޓރީން މިއަދު]އާދީއްތަ ދުވަހު[ އެބައޮތް މިކަމާ ގުޅޭ ގޮތުން ކައުންސިލަށް ސިޓީއެއް ފޮނުވާފައި. އެ ސިޓީގައި ބުނެފައި ވަނީ ބަނދަރު މިހާރު ހަދަމުން އަންނަ ގޮތް ނޫން ގޮތަކަށް އެކަން ދެން ކުރިއަށް ގެންދާ ނަމަ އިތުރަށް ފަސް މިލިއަން ރުފިޔާ ވެސް ހަރަދު ވާނެ ކަމަށް. އަނެއްކާ ސާކް ސަމިޓަށް ބަނދަރު ނިންމަން ބޭނުންވާތީ އިތުރު ބަދަލުތަކެއް ގެންނަ ނަމަ މިކަމަށް ލަސްވުންތަކެއް ވެސް އަންނާނެ،" ސޯބެ ވިދާޅުވި އެވެ. "އެހެންވެ މިނިސްޓްރީން އެދިފައި ވަނީ ކައުންސިލުން މިކަމަށް މިނިސްޓްރީ އަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް. އެގޮތުން މިހާރު ބަނދަރު ހަދަމުންދާ ގޮތަށް އެކަން ކުރިއަށް ގެންދިއުމަށާއި ފަހުން ބަދަލުތަކެއް ގެނައުމަށް މިނިސްޓްރީން އެދިފައި ވަނީ."
ސޯބެ އިތުރަށް ވިދާޅުވީ މިނިސްޓްރީ އަށް މިކަމާ ބެހޭ ގޮތުން އަންގާރަ ދުވަހު ކައުންސިލުން ޖަވާބެއް ފޮނުވާނެ ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތް ހާމަކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަދަނީ އިއްތިހާދުން ބުނީ ހައުސިން މިނިސްޓްރީން 23.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން 1،200 ފޫޓުގެ ތޮށިގަނޑަކާ އެކު ހިތަދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާ އިރު، ރައްޔިތުން ބޭނުންވާ ގޮތް ނޫން ގޮތަކަށް އެކަން ވިޔަ ނުދޭނެ ކަމަށެވެ.
ރައްޔިތުންނަށް ކައުންސިލަރުން ވެސް އެކަށީގެންވާ އެއްބާރުލުމެއް ނުދޭ ކަމަށް ބުނެ، އިއްތިހާދުން ވަނީ ހިތަދޫ ތަމްސީލް ކުރައްވާ ތިން ކައުންސިލަރުންނަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ