ޖާނުންފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދެ މީހަކަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި

ޖާނުން ފިދާވެގެން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރ. މަޑުއްވަރީ ވިލުދޮޅި، އިސްހާގު އަލީ އާއި ޏ. ފުވައްމުލަކު އަލުވިމާގޭ، ހުސައިން އަފީފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރީ އޮގަސްޓް، 2017 ގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ އެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އިސްހާގުގެ މައްޗަށް ކުރިއިރު، ކުރިން އެމްއެންޑީއެފުގައި މަސައްކަތްކުރި އަފީފަށް ކުރީ ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އެކަމަކު، ހަމަލާދޭން އުޅުނު ތަނެއް ދައުލަތަށް ބުނެއެއް ނުދެވެ އެވެ.
އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި ކަން ކްރިމިނަލް ކޯޓުން ކަށަވަރުކޮށް ދިނެވެ.
އަފީފުގެ މައްސަލައިގައި ކުރި ހުކުމުގައި ވަނީ ޖާނުން ފިދާވެގެން ހަމަލާދޭން އުޅުނު ކަމަށް ބުނާއިރު، އެފަދަ އަމަލެއް ތަންފީޒު ކުރަން ފެށިކަން ނުވަތަ ފުރިހަމަ ކޮށްފައި ވަނީ ކުށުގެ އުންސުރުތަކުގެ ތެރެއިން ކޮން އުންސުރެއް ކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން، ހެކިތަކުން އެނގެނީ އޭނާއާ ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮތް ކަމަށް ފުލުހުންނަށް ފާހަގަވުމާއި އިސްހާގާއި އަފީފާ ދެމެދު ފައިސާގެ މުއާމަލާތްތަކެއް ކޮށްފައިވުމުގެ އިތުރަށް އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ވީޑިއޯ އާއި ފޮޓޯ އޭނާގެ ފޯނުން ފެނުން ކަން ފުލުހުންނަށް ފާހަގަވި ފާހަގަވުން އެކަންޏެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ އުންސުރުތަކުގެ ގޮތުގައި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ ކަމެއް އޭނާ ކުރިކަމުގެ މައްޗަށް ހެއްކެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އިސްހާގުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ފަހު އެ މީހުން ބަންދުން ދޫކޮށްލާފައި ވަނިކޮށް 2019 ވަނަ އަހަރު ހައި ކޯޓުން ނެރުނު އަމުރެއްގެ ދަށުން މިއަދާ ހަމައަށް އެ ދެ މީހުން ތިބީ ބަންދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ