އުގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަން އެލިޔާއާ ޙަވާލުކޮށްފި

ރ.އުގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށިން ފުރަތަމަ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލަސް ޖާގަ އިތުރު މަސައްކަތެވެ.
ރ.އުގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ޙަވާލުކުރުމުގެ އެސްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޢާދިލެވެ. މިމަސައްކަތާ ޙަވާލުވި އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު އަޠާ ޢަލީއެވެ.
މި މަޝްރޫޢުގެދަށުން އެހޮސްޕިޓަލުގައި 10 އެނދުގެ އެމަޖެންސި ރޫމާކާއި 2 އޮޕަރޭޝަން ތިއޭޓަރާއި ލެބޯރެޓަރީއަޖާއި ޕްރައިވެޓް ރޫމްތައް ހަދާނެއެވެ. އަދި ރެޑިއޮލޮޖީ ޑިޕަރްޓްމަންޓަށް ބޭނުންވާ އެކްސްރޭ ރޫމާއި ސްކޭން ރޫމާއީ ސީޓީ ސްކޭން އަދި އެމްއާރްއައި ޓެސްޓު ހެދުމަށް ބޭނުންވާ ޖާގަ އިތުރުކުރެވޭނެއެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އަޙުމަދު ޢާދިލް ވިދާޅުވީ މިމަސައްކަތަކީ މިސަރުކާރުގެ ރިޔާސީ ވަޢުދާ އެއްގޮތަށް އަތޮޅުތަކުގައި ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢުއެއްކަމަށެވެ.
"ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ އަތޮޅުތަކުގައި ސިއްޙީ ޚިދުމަތް ފުޅާކުރުން. މީގެ މަންފާ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ. މާލެ އައުމަށް އެތަށް ޚަރަދެއް ތަކުލީފެއް އުފުލާ." އަޙުމަދު އާދިލް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަހީދު ވިދާޅުވީ މިސަރުކާރާއެކު މިހާރުވެސް ހޮސްޕިޓަލަށް ތަރައްޤީތަކެއް މުހިންމު ބަދަލުތަކެއް ގެނެފައިވާކަމަށެވެ. އެގޮތުން މިހާރުވެސް ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރުކުރުމާއެކު، ޚިދުމަތް ހޯދާ މީހުންގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކުރިން މަހަކު 3000 ނުވަތަ 4000މީހުން ޑޮކްޓަރަށް ދައްކަނީ. މިހާރު އާ ޑޮކްޓަރުންގެ ޚިދުމަތާއެކު މަހަކު 7000-9000މީހުން ޑޮކްޓަރަށް ދައްކާ." މުޙައްމަދު ވަހީދު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެލިއާގެ ފަރާތުން ވަނީ، ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ދީފައެވެ.
"8 މަސްތެރޭ މަސައްކަތް ފުރިހަމަކުރާނަން. ޕްރޮޖެކްޓަށް ޓެކްނިކަލް މޮޑިފިކޭޝަނެއް ނާންނަނަމަ ހަމަ ޝެޑިއުލަށް މަސައްކަތް ގެންގޮސް ނިންމާނަން." އެލިއާގެ އެމްޑީ މުޙައްމަދު އަޠާ ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުވެސް ހިމެނޭގޮތަށެވެ. އެގޮތުން އުނގޫފާރު ހޮސްޕިޓަލުގައި 150ކިލޯ ވޮޓްގެ ސޯލާ ހަރުކުރާނެއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 72،190،246.91(ހަތްދިހަ ދެމިލިއަން އެއްލައްކަ ނުވަދިހަހާސް ދުއިސައްތަ ސާޅީސް ހަ ރުފިޔާ ނުވަދިހަ ލާރި)އަށް، 8 މަސް ދުވަހުން ނިންމާގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ