އެމްބީއޭގެ ރައީސް ކަމަށް މަންޑޭ އާއި މެމްބަރު ސިނާން ވާދަކުރަނީ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި އަހުމަދު މަމްދޫހު (މަންޑޭ) އަދި އަހުމަދު އާދަމް ކުރިމަތިލައިފި އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ. މިދިޔަ ދެ ދައުރުގައި އެސޯސިއޭޝަނުގެ ރައީސްކަން ކުރެއްވި އަހުމަދު ހާފިޒް މި ފަހަރު ކުރިމަތިލުނައްވަ އެވެ.
ކުރީގެ މަޝްހޫރު ޑިފެންޑަރު ފަންތޮށި އަހުމަދު ނާޒިމްގެ ކޮއްކޮ މަންޑޭ އަކީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރަކްޓަރެވެ. އަހުމަދު އާދަމަކީ ކުރިން ބާސްކެޓްބޯޅަ ކުޅެ އަދި ކްލަބްތަކުގަައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ރައީސްގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރަނީ އަދި އެންމެ ބޮޑަށް ކެމްޕެއިން ކުރަމުން އަންނަނީ ވެސް ސިނާނާއި މަންޑޭ އެވެ.
ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މިހާރުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އާރިފް ރިޒާ އާއި ބާސްކެޓްބޯޅަ ކޯޗު ހަސަން އިސްމާއިލް އެވެ.
ހަޒާންދާރުގެ މަގާމަށް ވާދަކުރައްވަނީ، ރައީސްގެ މަގާމަށް ވެސް ކުރިމަތިލާފައިވާ އަހުމަދު އާދަމުގެ އިތުރުން ހުސެއިން ފަޒީލާއި މުހައްމަދު ޝިޔާއު އެވެ. ފުރިހަމަ މެމްބަރުގެ މަގާމަށް ކުރިމަތިލާފައިވަނީ ވިޝާމް ރަޝީދު، އަލްތާފު މުހައްމަދު، އަހުމަދު ނަސީރު އިބްރާހިމް، އިސްމާއިލް ނުޖައިމީ އިބްރާހިމާއި ހުސެއިން ސުހައިލާއި އަހުމަދު ނަޒީފާއި މުހައްމަދު ވަހީދާއި މުހައްމަދު ޝިހާނާއި މުހައްމަދު ވިޝާމް އަދި މުހައްމަދު ހާޝިމެވެ. ފުރިހަމަ ފަސް މެމްބަރުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.އަމިއްލަ މެމްބަރުގެ މަގާމަށް ކުރިމަތިލާފައިވަނީ ސަފިއްޔާ ތައުފީގާއި މުހައްމަދު ހުޝާމެވެ.
އެމްބީއޭގެ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ފަހަނައަޅައި ގޮސް އަދި އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވި އިރު އިންތިހާބެއް ނުބޭއްވި ދިގުލައިގެން ދިޔައީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިގެންނެވެ. އެކަމަކު ފަހުން ހޯމް މިނިސްޓްރީން ވަނީ، އިތުރު ތިން މަސް ދުވަހަށް ދައުރު އިތުރުކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ވެސް އިންތިހާބު ބޭއްވުމަކީ ފަސޭހަކަމަކަށް ނުވާނެތީ، އެސޯސިއޭޝަނުން އިންތިހާބު ބާއްވައި ދިނުމަށް އޮލިމްޕިކް ކޮމިޓީގައި އެންމެ ފަހުން އެދުނީ އެވެ.
އިންތިހާބު ބޭއްވުމަށް އޮލިމްޕިކް ކޮމިޓީން ހަވާލުކޮށްފައިވާ ކޮމިޓީގައި ތިއްބަވާނީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު އަބްދުﷲ ރަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ