ވޯލްޑް ކަޕް 2026 ގައި، ފަސް ލައްކަ މީހުންގެ އާބާދީއެއް ހިމެނޭ ކުޑަކުޑަ ކޭޕް ވާޑުން ޔޫރަޕްގެ ޗެމްޕިއަން ހިފަހައްޓައި، މުޅި ދުނިޔެ ސިއްސުވާލައިފިއެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ކޭޕް ވާޑް އަތުން ސްޕެއިން އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ސްޕެއިންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ ނަމަވެސް، ކޭޕް ވާޑްގެ ވަރުގަދަ ޑިފެންސާއި ގޯލްކީޕަރު ވޯޒީނިއާގެ މޮޅު ހުނަރުން އެ ޓީމު ވަނީ ސްޕެއިން ހިފަހައްޓައިފައެވެ.
މެޗު ފެށުނީއްސުރެ ސްޕެއިނުން މެޗު ކޮންޓްރޯލްކޮށް، ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައެވެ. ފުރަތަމަ ހާފުގައި އެކަނިވެސް ސްޕެއިނުން 12 ހަމަލާ އުފެއްދި ނަމަވެސް، ކޭޕް ވާޑްގެ ޑިފެންސް ފާރު ފޫއަޅުވައިލެވޭ ގޮތް ވަނީ ނުވެފައެވެ.
މިއީ ކޭޕް ވާޑް ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ ވަރަށް ޑިސިޕްލިންކޮށް، ’ޑަބަލް ޑިފެންސިވް ބްލޮކް‘ އެއް ބޭނުންކޮށްގެން ސްޕެއިންގެ ހަމަލާތައް ހުއްޓުވައިފައެވެ. ހާއްސަކޮށް ކީޕަރު ވޯޒީނިއާގެ ހުޝިޔާރުކަމަކީ އެ ޓީމު ބަލިނުވެ ސަލާމަތްވުމުގެ މައިގަނޑު ސަބަބެވެ.
ސްޕެއިންގެ ތަރި ލަމީން ޔަމާލް މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިއެވެ. އޭނާ ކުޅެން އެރުމާއެކު ސްޕެއިންގެ އެޓޭކްތައް އިތުރަށް ވަރުގަދަވި ނަމަވެސް، ކޭޕް ވާޑްގެ ގޯލު ހުޅުވޭ ގޮތް ނުވިއެވެ.
މެޗުގެ ފަހުވަގުތުކޮޅު ސްޕެއިނުން ނަތީޖާ ބަދަލުކުރަން ކުރި މަސައްކަތްތައް ކޭޕް ވާޑްގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ. 90 މިނެޓު ހަމަވެ އިތުރު ވަގުތުގެ ފަސް މިނެޓުގައި ވެސް ސްޕެއިނަށް ގޯލެއް ނުޖެހި މެޗު ނިމުނީ 0-0 އިންނެވެ.
މި ނަތީޖާއަކީ މުބާރާތުގެ ފެށުމުގައި ފެނުނު ބޮޑު ސަޕްރައިޒެކެވެ. ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ މެޗުގެ ކުރިން ވެސް ކޭޕް ވާޑްގެ ފެންވަރާމެދު އިންޒާރު ދީފައިވީ ނަމަވެސް، މެޗުގެ ނަތީޖާއާ މެދު ސްޕެއިންގެ ސަޕޯޓަރުންނަށް ވަނީ މާޔޫސްކަން ލިބިފައެވެ. ގްރޫޕް އެޗްގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ އެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ކުޑަކުޑަ ކޭޕް ވާޑުން ސްޕެއިން ހިފަހައްޓައި، މުޅި ދުނިޔެއަށް ސިހުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ