ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ޕޯޓަލް ޑައުންވެއްޖެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް ކަމަށްވާ "އެންމެންނަށް ބޯހިޔާވަހިކަން"ގެ ދަށުން ގޯއްޗަށް ކުރިމަތިލާން ބޭނުންކުރާ ޕޯޓަލް ޑައުންވެއްޖެއެވެ. ބެލެވޭ ގޮތުގައި މި ޕޯޓަލް ޑައުންވެފައި މިވަނީ ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު މިރެއަށް ހަމަވާތީ، ގިނަ ބަޔަކު އެ ޕޯޓަލަށް ވަނުމުގެ ސަބަބުންނެވެ. "އެންމެންނަށް ބޯހިޔާވަހިކަން"ގެ ދަށުން ގޯއްޗަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލީ މިދިޔަ މާރިޗު މަހުގެ ފަސްވަނަ ދުވަހުގެރޭ 11:59ގެ ނިޔަލަށެވެ. އަދި ފުލެޓަށް ކުރިމަތިލާން ހުޅުވައިލީ އޭޕްރީލް މަހުގެ 18ވަނަ ދުވަހުގެރޭ 11:59ގެ ނިޔަލަށެވެ. https://sun.mv/223324 މިނިސްޓްރީން ފަހުން ވަނީ ދެތިން ފަހަރެއްގެ މަތިން މުއްދަތު އިތުރު ކޮށްފައެވެ. އެންމެ ފަހުން އިތުރު ކުރި މުއްދަތު މިރޭ 11:59ގެ ނިޔަލަށް ހަމަވާނެއެވެ. ބޯހިޔާވަހިކަމަށް ކުރިމަތިލާން ދިން މުއްދަތު އަދި އިތުރުކުރާނެތޯ 'ސަން'އިން އިއްޔެ ސުވާލުކުރުމުން، ހައުސިން މިނިސްޓްރީން ކުރުކޮށް ދިން ޖަވާބުގައި ވަނީ ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ދެން އިތުރުނުކުރާނެ ކަމަށެވެ. މި ސްކީމުގެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. ގޯތި ދޫކުރަނީ ދެ ކެޓަގަރީންނެވެ. އެއް ކެޓަގަރީއަކީ މާލޭ ރަށްވެހިންނަށް ޚާއްސަ އަދި ޚާއްސަ އިސްކަންދެވޭ ކެޓަގަރީއެވެ. މި ކެޓެގަރީއަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލޭންނެވެ. ދެވަނަ ކެޓަގަރީއަކީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓެގަރީއެވެ. މި ކެޓެގަރީއަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލޭންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ