ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހައުސިން މިނިސްޓްރީން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހިދުމަތް މެދުކެނޑިއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިރޭ ބުނީ ޕޯޓަލް އަށް ދިމާވި މައްސަލަ ހައްލުކުރަން އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި މައްސަލަ ހައްލުވިހާ އަވަހަކަށް އެކަން އާއްމުކޮށް އަންގާނެ ކަމަށެވެ. އެކަމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ހިދުމަތް މެދުކެނޑުނީ ފަހު ވަގުތު ގިނަ ބަޔަކު އެއްފަހަރާ ޕޯޓަލް އަށް އެކްސެސްވާން އުޅުމުން ކަމެއް ނުވަތަ ޓެކްނިކަލް އެހެން މައްސަލައެއް ދިމާވެގެން ކަމެއް އަދި ނޭނގެ އެވެ.
ބޯހިޔާވަހިކަން ޕޯޓަލްގެ ހިދުމަތް މެދުކެނޑިފައި މިވަނީ އެ ޕޯޓަލް މެދުވެރިކޮށް ފްލެޓާއި ގޯއްޗަށް އެދި ފޯމް ހުށަހަޅަން ހުޅުވާލި މުއްދަތު މިރޭ 12:00 ގައި ހަމަވާން ދެ ގަޑިއެއްހާއިރަށް ވެފައި ވަނިކޮށެވެ. ހިދުމަތް މެދުކެނޑުމާ ގުޅިގެން ވަގުތު އިތުރުކުރާނެކަމެއް ނުވަތަ ނޫން ކަމެއް ހައުސިން މިނިސްޓްރީގެ އިއުލާނުގައި އެކަމަކު ނުބުނެ އެވެ.
މީގެ ކުރިން އެކި ސަބަބުތަކާ ހެދި އެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން މެއި 31 ގައި އެ ފުރުސަތު ހަމަވާ ގޮތަށް އޮތުމަށް ފަހު މިރޭ 11:59 އާ ހަމައަށް އެ ފުރުސަތު އިތުރުކޮށްދިނީ އަޟްހާ އީދުގެ ބޮޑު ބަންދާ ގުޅިގެންނެވެ.
ސަރުކާރުން ކުރިއަށް ގެންދާ "ބޯހިޔާވަހިކަން އެންމެނަށް" ގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގައި 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.
ފަހު ވަގުތު "ބޯހިޔާވަހިކަން ޕޯޓަލް" ގެ ހިދުމަތް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ