ޕްރައިމަރީގައި ވާދަކުރުމަށް އެއްވެސް ބޭފުޅަކަށް ހުރަހެއް ނާޅާނަން - މައުމޫން

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ ކަމަށާއި އެއްވެސް ބޭފުޅަކަށް ޕީޕީއެމްއިން ހުރަސް ނާޅާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރާބިތަތުލް އާލަމުލް އިސްލާމީގެ ތައުސީސް މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މައުމޫން ވިދާޅުވީ ރިޔާސީ އިންތިޙާބުގައި ވާދަކުރައްވަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
2013 ގައި އޮންނަ ރިޔާސީ އިންތިޙާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާގެ ކެނޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ތެރޭގައި ބާއްވާއިރު ޕްރައިމަރީގައި ވަރަށް ގިނަ ބޭފުޅުން ކުރިމަތިލެއްވުން އެކަށީގެންވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާޓީތެރޭގައި ޕްރައިމަރީއެއް ބާއްވާނެ، ރިޔާސީ އިންތިޙާބުގައި ވާދަކުރައްވަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ޕްރައިމަރީގައި ފުރުސަތު އޮންނާނެ، އެއްވެސް ބޭފުޅަކަށް އަޅުގަނޑުމެން ހުރަހައް ނާޅާނަން، ހުރިހާ ބޭފުޅުންނަށް ވެސް ފުރުސަތު އޮންނާނެ، ވަރަށް ގިނަ ބޭފުޅުން ކުރިމަތިލެއްވުން އެކަށީގެންވޭ، އެހެންނަމަވެސް ޕްރައިމަރީއިން އެންމެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅަކު ވާނީ އަޅުގަނޑުމެންގެ ކެނޑިޑޭޓަށް." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގެ ފަރާތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބުކުރުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެމަސައްކަތް އެހެން ޕާޓީތަކުން ވެސް ކުރައްވާނެ ކަމަށެވެ.
"ޕީޕީއެމްގެ ފަރާތުން 2013 ވަނަ އަހަރު، ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދަން، އެހެން ޕާޓީތަކުން ވެސް އެކަން ކުރައްވާނެ، އެއީ ނޫންތޯ ޑިމޮކްރަސީއަކީ، އެހެން ނަމަވެސް ދިވެހި ރައްޔިތުންނަށް އެންމެ ކަމުދާ ބޭފުޅަކަށް ވޯޓު ދެއްވައިގެން އެބޭފުޅަކު ކާމިޔާބު ކުރައްވާނީ." ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަކި ކެނޑިޑޭޓެއް ޕީޕިއެމްގެ ފަރާތުން ނެރެން ގަސްތުކޮށްފައިނުވާ ކަމަށާއި ޕީޕީއެމްއިން އަބަދުވެސް ކަންތައްތައް ކުރަމުން ގެންދާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ