ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ހާލާ ހަމީދު، އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. ހާލާ ވިދާޅުވީ، މައުމޫން މަސައްކަތް ކުރައްވަނީ "ދަރިންނަށ ބާރު ހޯއްދަވައި ދެއްވުމަށް" ކަމަށެވެ.
އެކަމަނާގެ ފޭސްބުކްގައި ލިޔުއްވި ދިގު ސްޓޭޓަސްއެއްގައި ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުގައި ގައުމަށް ހޯދައިދެއްވި ތަރައްގީ އާއި ގެނެސްދެއްވި ސިޔާސީ ބަދަލަށް އަބަދުވެސް އެމަނިކުފާނަށް އިހްތިރާމް ކުރައްވާނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިހާރު ހުންނެވީ މައުމޫން ނޫންކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"އެމަނިކުފާނަށް 18 އަހަރު މަސައްކަތް ކޮށްދިނިން، އެއީ ފަހުރެއް، އުނދަގޫ ވަގުތަކުގައި ވެސް ގާތުގައި ހުރިން،" ހާލާ ވިދާޅުވި އެވެ.
ހާލާ ވަނީ އޭނާގެ ބައްޕާފުޅު ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދު ރައީސް މައުމޫނުގެ ކެބިނެޓުން ވަކިކުރެއްވި ދުވަހުގެ ވާހަކަ ވެސް ހިއްސާކުރައްވާފަ އެވެ. ވިދާޅުވީ، އަބްދުﷲ ހަމީދު ކެބިނެޓުން ވަކިކުރެއްވި ސަބަބެއް ކަމަށް މައުމޫން ވިދާޅުވީ، ޒުވާން، ތައުލީމީ ބޭފުޅުންނަށް ކެބިނެޓުން ފުރުސަތު ދެއްވުން ކަމަށެވެ. އަދި އަބްދުﷲ ހަމީދު ރިޓަޔާކުރައްވަންވީ އުމުރު އައިސްފައިވާ ކަމަށް މައުމޫން ވިދާޅުވި ކަމަށެވެ.
ހާލާ ވިދާޅުވީ، އެއްވެސް އުޒުރެއް އަދި ބަހަނާއަކާ ނުލައި އަބްދުﷲ ހަމީދު އެކަން ގަބޫލުފުޅު ކުރެއްވި ކަމަށެވެ.
"މިއަދު އަހަންނަށް ހީވަނީ އެ ސަބަބުތައް މައުމޫންއަށް ވެސް އެބަހުރިހެން، މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ރައީސް ޔާމީނަކީ މައުމޫނާ ތިމާގެ މީހެއް ނޫނީ ނުދަންނަ މީހެއް ނަމަވެސް ރައީސް ޔާމީންގެ ލީޑަޝިޕަށް މައުމޫން އިހްތިރާމް ކުރައްވަން ޖެހޭނެ،" ހާލާ ވިދާޅުވި އެވެ.
ހާލާ ވަނީ މައުމޫން މިހާރު ކުރައްވަމުންދާ މަސައްކަތްޕުޅުތަކަކީ އަލުން ބާރު ހޯދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"މިއީ ރައްޔިތުންނަށްޓަކައި ކޮށްދޭ ކަމެއް ނޫން، މިއީ ބާރު ހޯދުމަށް ކުރާ ކަމެއް، އަމިއްލައަށް ބާރު ހޯދެއްވުމަށާއި ދަރިންނަށް ބާރު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކެއް،" ހާލާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެސް ކޮއްކޯފުޅު، އަދި ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ހާލާ ވިދާޅުވީ، މައުމޫންގެ ހަތަރު ބޭފުޅުންނަށް ވެސް ރައީސް ޔާމީންގެ ސަރުކާރުން އިސް މަގާމުތަކެއް ލިބި ވަޑައިގެންނެވި ކަމަށެވެ. އެ މަގާމުތައް ދޫކޮށްލެއްވުމަކީ އަދި މުޅިން އެހެން ކަމެއް ކަމަށެވެ.
މައުމޫންގެ ސަރުކާރުގައި އެމަނިކުފާނާއެކު ހުންނެވި ފަދައިން މިއަދު އެކަމަނާ ހުންނަވާނީ ރައީސް ޔާމީންއާއެކު ކަމަށް ވެސް ހާލާ ލިޔުއްވާފައި ވެއެވެ. އަދި ވިދާޅުވެފައި ވަނީ މި ވާހަކަތައް އެކަމަނާ ވިދާޅުވާން ޖެހިވަޑައިގަންނަވާ ކަމަށެވެ.
މައުމޫން މަސައްކަތް ކުރައްވަނީ ދަރިންނަށް ބާރު ހޯދައިދޭން: ހާލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ