ހައި ސްކޫލް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި!

އައްޑޫ ހައި ސްކޫލްގެ ބިދޭސީ އަންހެން ޓީޗަރަކަށް ނަފްސާނީ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން އޭނާ އުނދަގޫ އެ ސްކޫލްގެ ކުދިންނާއި މުވައްޒަފުންނަށް ފޯރަން ފަށައިފި އެވެ.
އެ ސްކޫލުން ވާހަކަ ދެއްކި ޓީޗަރަކު ބުނީ ބިދޭސީ ބައޮލޮޖީ ޓީޗަރަށް ނަފްސާނީ މައްސަލަތަކެއް ދިމާވުމާއި ގުޅިގެން އެނާ ސްކޫލް ތެރޭގައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި ބިރުވެރި ގޮތަކަށް އުޅެމުން ދާތީ އެސްކޫލު ހިންގުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދިނުމަށް ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ވެސް އެ މުވައްޒަފު ބުންޏެވެ.
"ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް މީނަ ގެންގޮސް އެތަނުން ޑޮކްޓަރަކަށް ދެއްކުމުން އެ ޑޮކްޓަރ ބުނީ މީނާއަށް ދިމާވެގެން އުޅެނީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް. މީ ވަރަށް ނުރައްކާތެރި ކަމެއް. މީނަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ،" އެ މުވައްޒަފު ބުންޏެވެ.
މި މައްސަލަ އާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް މި ޓީޗަރުގެ މައުލޫމާތު ވަނީ ފޮނުވާފައެވެ. ނަމަވެސް އަދި މިހާތަނަކަށް މިކަމަށް އެއްވެސް އެކްޝަނެއް މިނިސްޓްރީއަކުން ނަގާފައި ނުވެ އެވެ.
އައްޑޫލައިވް އާއި ވާހަކަ ދެއްކި އެ ސްކޫލުގެ މުވައްޒަފު ބުނީ މިވަގުތު އެ ޓީޗަރު މީހާ ނިދަނީ ސްކޫލް ސްޓާފް ރޫމުގައި ކަމަށެވެ. އަދި އޭނާގެ ދަބަހުގެ ވަޅި އެއް އޮތް ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.
"އޭނާ ނުފޮނުވިގެން މި އުޅެނީ. ފޮނުވޭނެ ގޮތެއް ނެތް. މިނިސްޓްރީއަކުން އަދި ޖަވާބެއް ނުލިބޭ. އޭނާގެ ކަންތައް ވަރަށް ބޮޑު." މުވައްޒަފު ބުނެޏެވެ.
މި މައްސަލަ ޕޮލިހަށް ރިޕޯޓްކޮށްގެން ފުލުހުން ވެސް ކުރިން އެނާ އުޅުނު ގެއަށް ގޮސްފައިވާ ކަމަށްވެ އެވެ. ނަމަވެސް ފުލުހުންން ވެސް މިކަމުގައި މާ ބޮޑު އަޅާލުމެއް ނުދެ އެވެ.
ގާތްގަޑަކަށް 400 އެއްހާ ކުދިން ކިޔަވަމުން އަންނަ އައްޑޫ ހައި ސްކޫލްގެ ޓީޗަރަކު މިފަދަ ގޮތަކަށް އުޅެމުންދާއިރު މިކަމާއި އަޅާލާނެ ފަރާތެއް ނެތް ކަމަށް އޭނާ ބުންޏެވެ. އެހެންވެ އެ ސްކޫލް އޮތީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ