އދ.ގެ އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފި

އދ. އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ޝާހިދު ރާއްޖެއަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުގައި ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސްވެރިންނެވެ.
މި ދަތުރުގައި ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރައްވާނީ ރައީސް ސޯލިހާއެވެ. އަދި ދެބޭފުޅުން ގުޅިފައިވާ ބަޔާނެއް ދެއްވާނެ އެވެ. އެއަށްފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާ ބައްދަލުކުރައްވާނެ އެވެ.
ދަތުރުގައި ބައެއް ޒުވާނުންނާއި އަދި ރާއްޖޭގައި ތިއްބަވާ އދ.ގެ ކަންޓްރީ ޓީމާވެސް ޝާހިދު ބައްދަލުކުރައްވާނެ އެވެ.
ޝާހިދު ރާއްޖެ ވަޑައިގަތުމަށް ރައީސް ސޯލިހު ދައުވަތު ދެއްވީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގައި ތަގުރީރު ކުރެއްވުމަށް ނިއުޔޯކަށް ވަޑައިގެން ޝާހިދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ