ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން، ހިޔާ ޔުނިޓްތަކަށް ކަރަންޓު ދިނުން ހުއްޓާލައިފި

ހިޔާ ފްލެޓްގެ ލިފްޓްތައް ކޮމިޝަންކުރުމުގެ މަސައްކަތް ނިމެންދެން، ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ މަސައްކަތް މެދުކަނޑާލީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ އެންގުމަކަށްކަމަށެވެ.
ހިޔާ ފްލެޓަށް ކަރަންޓުގެ ޚިދުމަތް ދެނީ ސްޓެލްކޯއިންނެވެ. ކަރަންޓުގެ މަސައްކަތް ނިންމާ، ބައެއް ޓަވަރުތަކަށް ދާއިމީކޮށް ކަރަންޓު ދޭން ފެށީ މިމަހުގެ 17ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އެޗްޑީސީގެ އެންގުމަކަށް ސްޓެލްކޯއިން މިވަނީ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓުދީ، ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމަށް ހުއްދަދިން ނަމަވެސް، ޓަވަރުތަކުގައި އަދިވެސް ބައެއް މަސައްކަތްތައް ކުރިއަށްދެއެވެ. އެގޮތުން ލިފްޓައް ކޮމިޝަންކުރުމުގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދެއެވެ. ކޮމިޝަންކޮށް ނުނިމި ހުރި ލިފްޓެއް ބޭނުންކުރުމުގެ ތެރޭގައި، ލިފްޓް ހުއްޓި ބަޔަކު ލިފްޓްތެރޭގައި ތާށިވި ޙާދިސާއެއް ހުކުރު ދުވަހުވަނީ ހިނގާފައެވެ. މިއާއި ގުޅިގެން އެޗްޑީސީގެ އެންގުމަށް ސްޓެލްކޯއިން މިހާރުވަނީ ޓަވަރުތަކަށް ކަރަންޓު ދިނުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ އެޗްޑީސީން އަޅާފައިވާ ފިޔަވަޅެކެވެ. ސްޓެލްކޯއިން ބުނީ ފްލެޓްތަކަށް ކަރަންޓުދިނުމުގެ މަސައްކަތް ދެން ފަށާނީ، ލިފްޓްތައް ކޮމިޝަންކޮށް ނިމުމުން އެޗްޑީސީން އެންގުމުންކަމަށެވެ.
ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ކުރުމުގެ ހުއްދަދެމުންދަނީ، ޓަވަރުގައި ކަރަންޓުގެ މަސައްކަތް ނިމެމުންދާވަރަކަށެވެ. ހިޔާ ޓަވަރުތަކުގެ ތެރެއިން އެޗް.15 އަދި އެޗް.16 ޓަވަރަށް ދާއިމީކޮށް ކަރަންޓު ދޭން ފަށާފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ. ކަރަންޓު ދިނުމާއެކު، ގޭގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ފްލެޓްތަކުގެ ވެރިންނަށްވަނީ ދީފައެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 25 ބުރީގެ 16 ޓަވަރަށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ. ޓަވަރުތަކުގައި ހިމެނޭ ހައުސިން ޔުނިޓްތަކަށް ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލްތައް އެޅުމާއި، ކަރަންޓް މީޓަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. 16 ޓަވަރަށާއި އަދި އިތުރު ބޭނުންތަކަށް ޤާއިމުކުރި 1 ޓްރާންސްފޯމަރާއެކު ޖުމްލަ 17 ޓްރާންސްފޯމަރު ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ވަނީ ބަހައްޓާފައެވެ. މި ޓްރާންސްފޯމަރުތަކަށް ކަރަންޓުދީ، ފްލެޓްތަކަށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރަމުންދަނީ ސްޓެލްކޯގެ ބައިވެރިވުމާއެކުއެވެ. ފްލެޓްތަކަށް ކަރަންޓު ދިނުމުގެ ކަންކަން ބަލަހައްޓާނީ ސްޓެލްކޯއިންނެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރިމެންޓް ހަދާ، މިހާރުވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ. އަދި އެއްވެސް ފީއެއް ނެގުމާ ނުލާ، ހިޔާ ޔުނިޓްތަކުގެ މަރާމާތުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ކުރިއަށްގެންދެވޭނެކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ