އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި، ތިންދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް

ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވާފައިވާ އުމަރު ޒާހިރު، އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެންތި ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ހަމަޖައްސަވައިފިއެވެ. އުމުރުން 85 ގައި އުމަރު ޒާހިރު އަވަހާރަވީ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އުމަރު ޒާހިރު، އެންމެފަހުން އަދާކުރެއްވީ، ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ މިނިސްޓަރު ކަމުގެ މަގާމެވެ. އުމަރު ޒާހިރަކީ، އެވަގުތަކު ސަރުކާރަށް ކުރިމަތިވާ ކޮންމެ މުހިންމު ބޮޑު ކަމެއް ހައްލުކޮށްދެއްވުމުގައި، އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އުމަރު ޒާހިރު، ދިވެހި ސަރުކާރަށާއި، ދިވެހި ގައުމަށާއި، ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަކީ، މިއަދު މުޅި ގައުމު ފަހުރުވެރިވާނެ ހިދުމަތްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ