ރާއްޖޭގައި މަސައްކަތް ކުރަން ވިސާ ނުލިބޭތީ އިންޑިއާ ރައްޔިތުން ކަންބޮޑުވެއްޖެ

ދިވެހިރާއްޖޭގައި މަސައްކަތް ކުރަން އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް އާކުރުމުގައި މައްސަލަތަކެއް ދިމާވަމުންދާތީ އެއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން އެ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިގެ ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިއާގެ މައި ސަރުކާރުގައި އެދިއްޖެއެވެ.
އިންޑިއާގެ ހާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖަށް އެޑްރެސް ކުރައްވާ ވިޖަޔަން ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ވިސާ އާއި ވޯކް ޕާމިޓް އާކުރަން ހުށަހެޅުމުން މީގެކުރިން ހަފްތާއެއްގެ ތެރޭގައި އެކަން ހަމަޖެހިގެން ދިޔަ ނަމަވެސް މިހާރު ވިސާ އާއި ވޯކް ޕާމިޓް އާކުރަން ދަތިވެފައިވާ ކަމަށެވެ.
އިންޑިއާގެ 30000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި މަސައްކަތް ކުރާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ކެރަލާ މީހުން ކަމަށާއި އެހެންކަމުން ގައުމީ މައްސަަލައެއްގެ ގޮތުގައި އެކަން ބަލައިގަނެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އާންމުކޮށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ކޮންމެ އަހަރަކު އެއްފަހަރު ވިސާ އާކުރަން ޖެހެއެވެ. އިންޑިއާގެ މީޑިއާތަކުން މިދިޔަ ހަފްތާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ވޯކް ޕާމިޓް ހޯދަން ހުށަހަޅާފައިވާ 2000 މީހުންގެ ވޯކް ޕާމިޓް ހުއްދަ ރާއްޖެ އިން ވަނީ ހިފަހައްޓާފައެވެ.
ބައެއް ރިސޯޓްތަކުންނާއި ކުންފުނިތަކުން މިހާރު ވަޒީފާ އިން މީހުން ހޯދަން އިއުލާން ކުރާއިރު އިންޑިއާ މީހުން ކުރިމަތިނުލުމަށް ވެސް އަންނަނީ އެދެމުންނެވެ. އެއީ އިންޑިއާ މީހުންނަށް މިހާރު ވޯކްޕާމިޓް ނުލިބޭތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ