ފުވައްމުލަކު މެދު ދާއިރާގެ އަތޮޅު ކައުންސިލް ގޮނޑި: އެމްޑީޕީން ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުގެ އައީޑީގެ މައްސަލައެއްގައި އޭނާގެ ނަން ކެންސަލްކޮށް ދެ ވަނަ މީހަކަށް ފުރުސަތު ދީފި

ފުވައްމުލަކު މެދު ދާއިރާގެ އަތޮޅު ކައުންސިލްގެ ގޮނޑި ހުސްވުމާގުޅިގެން އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޯދުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރި ޝައްފާފު ނަސީރުގެ އެޕްލިކޭޝަން އައިޑެންޓިޓީ ކާޑު ނުލިބުނު ކަމަށް ބުނެ ކެންސަލް ކުރުމަށް ފަހު އެހެން މީހެއްގެ ނަން އިލެކްޝަންސަށް ފޮނުވައިފި އެވެ.
އިލެކްޝަންސް އަށް އެމްޑީޕީން ފޮނުވީ އެ ޕްރައިމަރީގައި ޝައްފާފާ ވާދަކޮށްގެން ދެ ވަނަ ހޯއްދެވި އަބްދުﷲ ދީދީ އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މިއަދު ވިދާޅުވީ ޝައްފާފުގެ އައިޑީކާޑް އެ ޕާޓީ އަށް ލިބުނު އިރު ފޯމް ހުށަހަޅަން ޖެހޭ ވަގުތު ހަމަވެފައިވާ ކަމަށާއި އެކަން ޝައްފާފަށް ވެސް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ފުވައްމުލަކު މެދުދާއިރާގެ ބައި އިލެކްޝަންސްގެ އެޕްލިކޭޝަން ވައްދަން އުޅުނު އިރު އަޅުގަނޑުމެންނަށް އެނގިއްޖެ ޝައްފާފްގެ އައިޑީކާޑުގެ އަސްލު އަޅުގަނޑުމެންގެއަތަކު މާލޭގައި ނެތް ކަން. އައިޑީކާޑް ހޯދަން އަޅުގަނޑުމެން ދިޔައީ އެކިގޮތްގޮތުން މަސައްކަތްކުރަމުން. ނަމަވެސް ފޯމް ހުށަހަޅަން ޖެހޭ ގަޑިއަށް އައިޑީކާޑް ނުލިބުމުން ޕާޓީ އަށް އޮތް ފުރުސަތު ގެއްލިދާނެތީ އަޅުގަނޑުމެން އެހެން މީހެއްގެ ނަން ހުށަހެޅީ،" ޝާހު ވިދާޅުވި އެވެ.Hassan Shaah (mp3)
ނަމަވެސް ޝައްފާފު ވިދާޅުވީ އޭނާގެ ފުރުސަތު ގެއްލުނީ އެމްޑީޕީން ތެޅިފޮޅިގަނެގެން ކަންތައް ކުރަން އުޅުމުން ކަމަށާއި އޭނާގެ އައިޑީ ކާޑު ހޯދުމަށް އެމްޑީޕީން އުޅުނީ އެންމެ ފަހު ދުވަހު ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ދުވަހު ޕްރައިމަރީން ދެ ވަނަ އަށް ދިޔަ އަބްދުﷲ ދީދީގެ އައިޑީކާޑް އެ ޕާޓީ އަށް ލިބިފައިވުމުން އެކަމުގައި ސުވާލުއުފެދޭ ކަންތައްތަކެއްވާ ކަމަށެވެ. އަދި އިލެކްޝަނަށް ފޮނުވަން ޖެހޭ އޭނާގެ ލިޔުންތައް ތައްޔާރުކުރުމަށް އެމްޑީޕީން މަސައްކަތްކޮށްފައިނުވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ބުރާސްފަތި ދުވަހު އަޅުގަނޑު ވަރަށް މަސައްކަތްކޮށްގެން ޝާހު އެ ކަމުގައި މަސައްކަތްކޮށްދެއްވި. އެކަމު އޭގެ ކުރިން އެއްވެސް ދުވަހެއްގައި ޕާޓީގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ. އިލެކްޝަނަށް ފޮނުވަން ޖެހޭ އަޅުގަނޑުގެ ޑޮކިޔުމެންޓްތައް ތައްޔާރުކުރުމުގައި އެއްވެސް މަސައްކަތެއް ޕާޓީން ކޮށްދީފައިނުވޭ. ކުރިން ޕާޓީން ހުރިހާ ކަމެއް ނިންމާފައި އޮތް ނަމަ އައިޑީކާޑް ފޮނުވާފައި އޮންނާނީ،" ޝައްފާފު ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.Shaffaf Naseer (mp3)
ޝާހު ވިދާޅުވީ އައިޑީ ކާޑު ލިބިފައި ނުވުމުގެ ސަބަބުން މީގެ ކުރިން ބ. ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަނާއި، ކުޅުދުއްފުށީ ކައުންސިލްގެ ބައިއިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީ އަށް ގެއްލިފައިވާ ކަމަށެވެ.
ފުވައްމުލަކު މެދު ދާއިރާގެ އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ވަނީ ސާބިތު ދަރަންޏެއްގެ މައްސަލާގައި ފުވައްމުލަކު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަދި އަތޮޅުކައުންސިލްގެ ރައީސް ހަސަން ސައީދުގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ