ވައްކަން ކުރުމަކުން ރާއްޖެއަށް ހަމަޖެހުމެއް ނާންނާނެ - ގާސިމް

ޖުމްހޫރީ ގުޅުމުން ވެސް ރާއްޖޭގައި ސުލްހަމަސްލަސްކަން ގާއިމުކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ސުލްހަމަސްލަސްކަން ގާއިމުވެގެންދަނީ އެއް ބަޔަކު ވައްކަން ކުރީމަ ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ރޭ މ.ކުނޫޒުގައި ބޭއްވި ޖުމްހޫރީ ގުޅުމުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވައްކަން ކުރުމުން އެ އަރައިގަނެވެނީ ބައެއްގެ ހައްގުތަކަށް ކަމަށާއި ވައްކަން ކުރުމަކުން ރާއްޖެއަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.
"ނިކަމެތި މީހާއަށް އަނިޔާކުރުމަކުން (ހަމަޖެހުމެއް) ނާންނާނެ، ނިކަމެތި މީހާއަށްވީތީ ނުވަތަ އެމީހާ ޖާނުން ވަރުގަދަ ބޮޑު މީހަކަށް ނުވީތީ އެމީހާ ތަންޑާ އަރުވާލަންޏާއި އެއީ ހައްގެއް ނޫން، އިންސާފެއް ވެސް ނޫން، އެއީ ޑިމޮކްރަސީއެއްވެސް ނޫން." ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ، ގައުމުގައި އަމާންކަން ގާއިމްކުރުމަށްޓަކައި އަނބުރާ ގެނައުމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށް ވެސް ގާސިމް ރޭ ހާމަކުރެއްވި އެވެ.
ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނެގި ވޯޓުތައް އަލުން ގުނަން، އެންމެ ގިނަ ވޯޓު ހޯދި އެމްޑީޕީން އެއްބަސް ނުވުމުން ގާސިމް ރޭ ވަނީ ބަހުގެ ހަމަލާތަކެއް އެޕާޓީއަށް ދެއްވާފައެވެ.
ގާސިމް ވިދާޅުވީ 95،000 ވޯޓު ހޯދައި ދެވަނަ ބުރަށް ދަތުރުކުރި އެމްޑީޕީން އަލުން ވޯޓު ގުނަން އެއްބަސް ނުވުމުން ސުވާލު އުފެދޭ ކަމަށާއި ވޯޓު އަލުން ގުނަން އެއްބަސް ވެވުނު ނަމަ އިލެކްޝަންސް ކޮމިޝަނުން އެކަން ކޮށްދިނީސް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ގާތް ގަނޑަކަށް ނިންމާލާފައެވެ. އެންމެ ފަހުން އިއްޔެ ބޭއްވި ޝަރީއަތުގައި ދެފަރާތުގެ ހުލާސާ ބަޔާން ވަނީ އިއްވާފައެވެ.
އަންނަ ހޮނިހިރު ދުވަހު ދެވަނަ ބުރުގެ ވޯޓުލުން ނުބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު އެމްޑީޕީން ބުނަނީ ހޮނިހިރު ދުވަހު އިންތިހާބު އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ