އ.ދ ނިއުޔޯކް ކޮންވެންޝަންގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ ނިންމަވައިފި

19:00އ.ދ.ގެ މުޢާހަދާއެއް ކަމުގައިވާ "ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް "ނިއުޔޯކް ކޮންވެންޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.މިކަން މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، އެމުޢާހަދާގައި ރާއްޖެއިން ބައިވެރިވުމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލު ކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތުގެ މަތީން ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވުމާއެކު، އެމައްސަލަ ވެވަޑައިގެންހާ އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.މި މުޢާހަދާގައި ރާއްޖެއިން ބައިވެރިވުމުގެ ބޭނުމަކީ، ބޭރު ދައުލަތްތަކުގެ ތަޙްކީމުގެ ނިންމުންތައް ބަލައިގަނެ ތަންފީޒު ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުން ކަމަށާއި އަދި އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ރަނގަޅު މާޙައުލެއް ޤާއިމުކުރެވި، ރާއްޖެއަށް ބޭރުގެ ގިނަ އިންވެސްޓްމަންޓްތަކެއް ވަނުމުގެ ދޮރު ހުޅުވިގެންދާނެކަން މެންބަރުން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށާއި، އައިސްލެންޑަށާއި، ސްވިޒަލޭންޑަށާއި، ފިންލަންޑަށް ކުރެއްވި ދަތުރުފުޅުގެ މަޢްލޫމާތު ދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ