މެދުހެންވޭރު ދާއިރާގެ ކުރީގެ އެމްޑީޕީ މެންބަރު އަލީ އާޒިމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްދީފި އެވެ.
އާޒިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި މިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާ ހައްޔަރުގައި ބަހައްޓައިދިނުމަށް ފުލުހުން ކޯޓުގައި އެދުމާއި ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.
އާޒިމްގެ ވަކީލް އަހުމަދު ފަރީދު ވިދާޅުވީ އާޒިމް ޝަރީއަތަށް ހާޒިރުކުރެވިފައިވަނީ ހެނދުނު 10:25 ހާއިރު ކަމަށާއި ނަމަވެސް އާޒިމް އިއްޔެ ހެނދުނު 10:15 ހާއިރު ހައްޔަރުކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މީހަކު ހައްޔަރުކުރާތާ 24 ގަޑިއިރު ތެރޭގައި އެމީހަކު ގާނޫނާއި ހިލާފު ކަމެއް ކުރިތޯ ބެލުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ ކަމެއް ބުނެފައިވާތީ އެމައްސަލައިގައި ސުވާލުކުރުމުން އެކަމަށް މާބޮޑަށް މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް ކޯޓުގައި ފުލުހުން މިއަދު ބުނެފައިވަނީ އާޒިމް ހެނދުނު 10 ޖެހިއިރު ކޯޓަށް ހާޒިރުކޮށްފައިވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އާޒިމްގެ ބަންދަށް ފަނަރަ ދުވަސް ޖަހާފައިވަނީ މާ ބޮޑެތި ކަންތައްތަކަށް ރިއާޔަތްކޮށްފައި ނޫން ކަމަށެވެ.
އާޒިމް އިއްޔެ ހެނދުނު ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތިދުވަހު ހުކުމްކޮށްފައިވީ ނަމަވެސް އެކަން ގަބޫލުނުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރު ތެރެއަށް ވަދެވަޑައިގެންނެވުމަށް މަސައްކަތްކުރެއްވުމުންނެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ އާޒިމް ހައްޔަރުކުރީ ސިފައިންނަށް ހަމަލާދީ ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވެ ގަދަކަމުން މަޖިލިސް ތެރެއަށް ވަންނަން އުޅުމުން ކަމަށެވެ. އަދި އެމައްސަލަ ތަހުގީގުކޮށްދޭން އެދި ހުށަހަޅާފައި ވަނީ އެމްއެންޑީއެފުންނެވެ.
އާޒިމް ހައްޔަރުކުރުމަށްފަހު ދޫނިދޫގައި ބެހެއްޓިއިރު އޭނާ ބަންދަށް ފަނަރަ ދުވަސް ޖެހުމަށްފަހު ވެސް ގެންގޮސްފައިވަނީ ދޫނިދޫއަށެވެ.
އާޒިމްއާ ޑީއާރުޕީގެ އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޝިޒްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އެ ދެބޭފުޅުން ގެރެންޓީ ދެއްވާފައިވާ ލޯނަކަށް ކަނޑައެޅިފައިވާ އުސޫލުން ފައިސާ ނުދެއްކި މައްސަލައިގައި އެވެ. އާޒިމާއި ނާޝިޒްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ނިންމާފައިވަނީ އެ ދެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ނަމަވެސް ސަރުކާރުން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމް ވަރަށް ސާފް ކަމަށާއި، ދެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބުނެފައިވަނީ އެންމެ ފަހުގެ ނިންމުން ނިންމާ ތަނަކީ ސުޕްރީމް ކޯޓު ކަމަށެވެ.
އާޒިމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކޯޓުން އިތުރުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ