މައްސަލަތައް ދެނެގަތުމަށް މެމްބަރު މަހްލޫފް މާރުކޭޓް ގޮޅިއެއްގައި ސޭޓަކަށް !

ދަތުރުވެރިންގެ މާރުކޭޓުން މިއަދު ފެނުނީ ތަފާތު މަންޒަރެކެވެ. ގޮޅިއެއްގައި ސޭޓަކަށް އިނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އެވެ.
މަހްލޫފް ވިދާޅުވީ އޭނާ ދަތުރުވެރިންގެ މާރުކޭޓްގައި ކުރަމުން އެދަނީ އެއްދުވަހުގެ ތަޖުރިބާއެއް ކަމަށާއި ތަޖުރިބާގެ މަގްސަދަކީ އެތާނގައި ހުރި މައްސަލަތައް ދެނެގަތުން ކަމަށެވެ.
މިއަދު މެންދުރުގެ ވަގުތަކުން ފެށިގެން މަހުލޫފް އަންނަނީ މާރުކޭޓު ގޮޅިއެއްގައި ވިޔަފާރި ކުރަމުންނެވެ. މަހުލޫފް ވިދާޅުވީ އޭނާ ވިޔަފާރިކުރަމުން ދަނީ އެހެން މީހެއްގެ ގޮޅީގައި ކަމަށާއި ބޭނުމަކީ އެ ވިޔަފާރިކުރާގޮތް އަމިއްލަ އަށް ތަޖުރިބާކޮށް، އެތަނުގައި ހުރި މައްސަލަތައް ދެނެގަތުން ކަމަށެވެ.
“މިއީ އަޅުގަނޑުގެ ގޮޅިއެއް ނޫން. އަޅުގަނޑު މިތަން އެކްސްޕީރިއަންސް ކޮށްލަނީ. މިކަހަލަ މާހައުލެއްގައި މިކަން ހިނގަނީ ކިހިނެތްތޯ އާއި މިކަން ކުރާ ގޮތާއި، މިކަންކަން ބަލާލަން،” މަހުލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ ގޮޅިތައް ހިންގާ ފަރާތްތަކުން ހިތްހަމަނުޖެހޭ ކަންކަން އޭނައާ ހިއްސާކޮށްފައިވާ ކަމަށާއި ސަރުކާރަށް ހުށަހަޅައިގެން އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ ލިބުނު ފުރުސަތުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން އުފަލުން ކަމަށާއި މިކަހަލަ މާހައުލެއްގައި މީހުންނާ ބައްދަލުކޮށް ވާހަކަދައްކާލާ ހަދާލަން ފުރުސަތު ލިބުނީމާ ވަރަށް އުފާވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ