ހަވީރު ނޫހުގައި ޝާއިއުކުރި ހަބަރެއް އޭޑީކޭ ކޮމްޕެނީން ދޮގުކޮށްފި

ހަވީރު އޮންލައިންގައި އޭޑީކޭ ކޮމްޕެނީ އާއި ގުޅޭ ގޮތުން ލިޔެފައިވާ ހަބަރަކީ ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށް އޭޑީކޭ ކޮމްޕެނީން މިއަދު ބުނެފި އެވެ.
އޭޑީކޭ ކޮމްޕެނީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހަވީރު ނޫހުގައި ޝާއިއުކޮށްފައިވާ "އޭޑީކޭއިން ފޮނުވާ ބިލުތަކުގައި ހިދުމަތުގެ އަގު ޖަހަން އެންގުމުގެ ބާރު ނެތް: ކޯޓު" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރަކީ ކަމުގެ ހަގީގަތާއި ހިލާފު އަދި ކޯޓުން ކޮށްފައިވާ ހުކުމެއްގައިވާ ގޮތާއި މުޅިން ހިލާފަށް ތައްޔާރުކޮށްފައިވާ ހަބަރެއް ކަމަށެވެ.
ބަޔާނުގައިވަނީ މި ހަބަރު ލިޔެފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ ސުރުހީގެ ދަށުން ކަމަށްވާއިރު ކޯޓަށް ހުށަހެޅި މައްސަލައަކީ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށާއި އޭޑީކޭ ހޮސްޕިޓަލާއި އޭޑީކޭ ކޮމްޕެނީއަކީ ވަކި ދެތަނެއް ކަމުގައިވާއިރު ހޮސްޕިޓަލުގެ ނަމުގެ ދަށުން ހަބަރު ގެނެސްދީފައިވާތީ ހިތާމަކުރާ ކަމަށެވެ.
"ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރުގައި އާސަންދައިގެ ބިލުތަކަށް އޭޑީކޭއިން ފޮނުވާއިރު ހިދުމަތުގެ އަގު ޖަހަން ޖެހޭނެކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން އެންގި ނަމަވެސް އެގޮތަށް އެންގުމުގެ ބާރު ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި ކަމަށް ހާމަކޮށްފައިވަނީ ރަނގަޅަކަށް ނޫނެވެ." ބަޔާނުގައިވެ އެވެ.
އެބަޔާނުގައި އިތުރަށް ވަނީ އޭޑީކޭ ކޮމްޕެނީގެ ފަރާތުން އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކޮށްފައިވަނީ އޭޑީކޭ ކޮމްޕެނީގެ ފަރާތުން އާސަންދައަށް ބިލު ހުށަހަޅާއިރު ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމާއި އަދި އާންމުކޮށް ބިލު ހުށަހަޅައި އުސޫލާއި ހިލާފަށް ބިލު ކުރި ސޮފްޓުވެއާ އަށް ބަދަލު ގެނެސް އެ ބިލުތަކުގެ ހިދުމަތުގެ އަގު ކޯޑު ގެ ގޮތުގައި މުޅިން އާ ކޯޑެއް ޖެހުމަށް އޭޑީކޭއަށް އާސަންދައިގެ ފަރާތުން އެންގުމުގެ ސަބަބުން ކަމަށެވެ.
އަދި މި މައްސަލައިގެ ހުކުމުގައި ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގައި ބިލުތައް ހުންނަންވީ ގޮތް ކަމަށް ބަޔާން ކޮށްފައިވާ ގޮތާއި ހިލާފަށް ބިލުތައް ހުށަހަޅަން އެންގުމުގެ ބާރު ލިބިގެން ނުވާ ކަމަށާއި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ހަދާފައިވާ ބިލުތައް އާސަންދައިން ބަލައިގަންނަން ޖެހޭ ކަމަށާއި އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް އާސަންދައިގެ މައްޗަށް އަމުރުކޮށްފައިވާ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެބަޔާން ނިންމާލަމުން އޭޑީކޭ ކޮމްޕެނީން ބުނީ ހަވީރު ނޫހުގައި ޝާއިއު ކުރި ހަބަރަކީ އޭޑީކޭ ހޮސްޕިޓަލާއި އަދި މުޅި އޭޑީކޭ ގްރޫޕަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ހަބަރެއް ކަމަށާއި އެހެންކަމުން ޒިންމާދާރު ކަމާއިއެކު ހަބަރު ފެތުރުމަށް ހަވީރު ނޫހަށް އިލްތިމާސްކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ