އައްސަރި ބަހަކާއި ސާބަހެއް

އަޅުގަނޑު މަދަރުސާގައި އުޅުނު ދުވަސްވަރު މަދަރުސާ ކުދިންގެ ވާހަކަ ދެއްކުމުގެ މުބަރާތެއްގެ އިނާމު ދިނުމުގެ ޖަލްސާއަކަށް ދެވުނެވެ. އެދުވަހު ޖަލްސާގައި ވާހަކަފުޅު ދެއްކެވީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. ވަނަ ހޯދި ދަރިވަރަކަށް ތައުރީފު ކުރައްވައި ޝާހިދު ވިދާޅުވި އެވެ: "އަޅުގަނޑު ދޭން އޮތީ ސަތޭކައުން އަދަދެއް ނޫނެވެ. އަޅުގަނޑު ދޭނީ ސަތޭކައަކުން އައްސަރި ބަހަކާ ސާބަހެކޭ" އެވެ.
***
ޝާހިދު ރިޔާސަތުގައި އިންނަވާ އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ ކަންކަމަށް ނިސްބަތްކޮށް މީހުން ބުނެ އެވެ. "މިހާރު ދެން މި މަޖިލީހަކާހުރެ ލަދުން ބޯފަޅައިގެން ދާވަރު" ވެއެވެ. އެހެން ބުނާ މީހުންގެ ވިސްނުމުގެ ކޮރު ކަމާހެދި އަޅުގަނޑު ހަމަ ބަސްހުސްޓެ އެވެ. އަޅުގަނޑުވެސް ބަލަނީ ހަމަ އެ މަޖިލީހެވެ. އަޅުގަނޑަށް ވެސް ފެންނަނީ ހަމަ އެ އިއްޒަތްތެރި ބޭފުޅުންކޮޅެވެ. އެ ބޭފުޅުން ދޫފުޅުން "އަލިފާން" އުއްކަވާ ތަނެއް އަޅުގަނޑެއް ނުދެކެމެވެ. ލޯފުޅުތަކުން "ކަނިބުރާ" ތަނެއް އަޅުގަނޑެއް ނުދެކެމެވެ. ވިދާޅުވާ ހުތުރު ބަހެއް އަޅުގަނޑަކަށް ނީވެ އެވެ.
މަޖިލިސް ބަލައި އަޑު އަހަން އިންނައިރު އެބޭފުޅުން ބަސްމަގު ބައްޓަން ކުރައްވަނީ ހާދަ އަސަރުގަދަ ރީތި، ފަށުއި ބަސްތަކަކުން ނެވެ. އެއިން ބޭފުޅަކު ހަމަ އެންމެ އިތުރުފުޅެއް ހެއްދެވި އަޑެއް ވެސް އަޅުގަނޑެއް ނާހަމެވެ. އެބޭފުޅުންގެ ހުރިހައިކަމެއް ވަރަށް ކަމުހިނގައްޖެ އެވެ. އަތްފައިގެ ހަރަކާތެވެ. ލޮލުގެ އިޝާރާތެވެ. މޫނުގެ ކުލަވަރެވެ.
ދުރުތިބީންގެ ކަށީގައި ނުބައިވެގެންވާ އާދަތައް އަށަގަނެ، އިޖުތިމާއީ ފޭރާން ވީދި، ފޮތި ފޮތިވެ ގޮސްފައި ވީނަމަވެސް ކެތްތެރި ކަމާއެކު އެބޭފުޅުން އަޅުގަނޑުމެނަށް ނަމޫނާ ދައްކަވަމުން އެވަޑައިގަންނަވަނީ މިސާލު ރީތި ކަމުގެ އެންމެ މަތީ ދަރަޖަ އެވެ. ހަމަ ފިސާރި ތެދެކެވެ. އަޅުގަނޑުމެންގެ ފާޑަށް، މީހުން ކޮއްޕާ ގަޅުވައި ކުޅުޖަހައި އަޅިކަނޑައި ސިޑިން ވައްޓާ ހެދުމުގެ ބަދަލުގައި އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެނަށް އެއްޗެއް ވިސްނޭތޯ ހުދު ކޮތަރު މެދުވެރިކޮށް ޒައިތޫނި ފަތްކޯޅި ދިއްކުރެވޭ ތަނެވެ.
އަޅުގަނޑު އެބޭފުޅުންގެ އިންޓަވިއުތައް ވެސް އަޑު އަހަމެވެ. ހަމަ ގިނައިންނެވެ. ވިދާޅުވެ އެވެ: ސައި ކޮޓަރި އާއި ކުޑަ ދޮށުގައި "ކަނޑި އުރައިން ދަމައިގަނެގެން ތިއްބަސް" އެ ބޭފުޅުންނަކީ ރައްޔިތު އާބާދީ ބަލަން ތިބޭ މަޖިލީހުގެ ތަޅުމުގައި ވަރަށް އެކުވެރި، ރަހުމަތްތެރި ގާތް، އެހާ އަހުވަންތަ މަވެތި ކަމެއް ނެތް ބައެކެވެ. އެވަރު ބޮޑު ތެދެއް ނޯންނާނެ އެވެ. ރައްޔިތުންނަށްޓަކައި ހިތްޕުޅުތައް ވަނީ ލޯބިން ފުރިފަ އެވެ. މުހާބަތު ކުރަނީ ރީތިކޮށް އިހުތިރާމާއެކު އެވެ. މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ނަމޫނާ ދައްކަވާށެވެ. މިތިއްބެވީ ރައްޔިތުންގެ ފަރާތުންނެވެ. މިފަދަ ބޭފުޅުން ކޮޅެއް މިއުޑު ދަށުން އަޅުގަނޑުމެނަށް ލިބޭނެތޯ އެވެ؟ އެހާ ރަނގަޅަށް ރީއްޗަށް ކަން ކުރައްވާއިރު އަޅުގަނޑުމެނަށް މާނަ ފުރޮޅައި ލެވެނީ އެވެ. އަޅުނަޑުމެންގެ އިތްޒަތްތެރި މެންބަރުންގެ ހަށިކޮޅުގައި ވަށައިލެވިފައިވާ ފަދަ އިޖުތިމާއީ ރީތި ފޭރާމެއް ލިބިގަންނަން ނޭނގޭނީ އެވެ.
ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. އަޅުގަނޑުމެނަށް ހަމަ ނޭނގެނީ އެވެ. އަޅުގަނޑުމެންގެ ހާލަތާ މެދު ތިޔަ އިއްޒަތްތެރި މެންބަރުންގެ ކިބައިން އަޅުގަނޑު މާފަށް އެދެމެވެ. އަޅުގަނޑުމެންގެ އިތްޒަތެރި މަޖިލީހަށް އަޅުގަނޑު ދަންނަވައިލަން އޮތީ އަޅުގަނޑުމެނަށް ވާވަދެވިފައި ތިއްބަސް ހިތާމަ ނުކުރައްވާށެވެ. ތިޔަބޭފުޅުންގެ މަސައްކަތާއި ނަމޫނާ ދެއްކެވުމަށް އަޅުގަނޑު ދޭން އޮތީ ތިޔަބޭފުޅުންގެ ރައީސް ޝާހިދު ވިދާޅުވި ގޮތަށް ސަތޭކައަކުން ސަތޭކައެއް ނޫނެވެ. ސަތޭކައަކުން އައްސަރި ބަހެވެ. ބުރަކަށިފުޅުގައި ފިރުމައިލުމެކެވެ. ލޮނުވެލި މޮޑެދިނުމާއި ހޫނު ބޮނޑިބަތް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ