ހުޅަނގުގެ ފާޑުކިއުމަކަށް ބެލުމެއްނެތި، މަރަށް މަރުހިފުން ފަދަ އިސްލާމީ ހުކުމްތައް ޤާއިމް ކުރަމުން އަންނަ ސަޢުދީ އަރަބިޔާގައި، ޤުރްއާނާއި ޙަދީސްގައި ބަޔާން ކޮށްފައި ނުވާ ކުށްތަކަށް އަދަބު ދިނުމަށް ހައްދު ޖެހުން ހުއްޓާލުމަށް ނިންމައިފިއެވެ. ސުޕްރީމް ކޯޓުން ހާމަކުރިގޮތުގައި މިއީ ބައިނަލް އަޤްވާމީ އިންސާނީ ޙައްޤުތަކާއި އެއް ހަމައަކަށް ގެނައުމަށް ކުރަމުންދާ އިސްލާހީ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ.
އެމްނެސްޓީ އިންޓަރނޭޝަލްގެ ފާޑު ކިއުން ތަކާއި އެކުވެސް ސައުދީ އަރަބިޔާގައި މިދިޔަ 2019 ވަނަ އަހަރުވެސް 184 މީހަކަށް މަރުގެ ޢަދަބު ދެވުނެވެ. އިސްލާމީ ޝަރިޢަތާއި ޚިލާފު ނުވާ ކަންކަމުގައި ސައުދީ އަރަބިޔާ އަންނަނީ ބޮޑެތި ދޫތަކެއްދީ ކަންކަން ބަދަލު ކުރަމުންނެވެ. ކުރިން ފުރައްސާރަކުން އަދި އާންމު ތަންތަނުގައި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތަކަށް ދެވޭ އަދަބު ކަމުގައިވާ ހައްދުޖެހުން ހުއްޓާލުމުން އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި، ޖަލު ހުކުމް އަދި ޖޫރިމަނާގެ އިތުރުން މުޖްތަމަޢުއަށް ޚިދުމަތް ކުރުން އިޚްތިޔާރު ކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
މި ބަދަލުތައް މިއައީ، ސައުދީ އަރަބިޔާއިން ޖަލުތަކުގައި ބަންދުކުރެވޭ މީހުނާއި މެދު ޢަމަލު ކުރާ ގޮތަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އޭތެރޭގައި، ޝާހީ އާއިލާއަށް ފާޑުކިޔުމުގެ ސަބަބުން ޖަލަށް ލެވިފައިވަނިކޮށް މިދިޔަ ހުކުރު ދުވަހު މަރުވި، އެގައުމު ދީނީ ޢިލްމުވެރިޔާ ޢަބްދުﷲ އަލްހާމިދްގެ މަރު ހިމެނެއެވެ. ޞިއްޙީ ވަރުވާ ލަސްވެގެން ދީނީ ޢިލްމުވެރިޔާ މަރުވެގެން ދިއުމަކީ އިހްމާލަކަށް ވުރެ ބޮޑަށް ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި މީޑިޔާތަކުން ސިފަކުރިއެވެ.
ފަހުގެ ތާރީޚެއްގައި ސައުދީ އަރަބިޔާގައި ދެވުނު އެންމެ ފާހަގަ ކޮށްލެވޭ، ހައްދު ޖެހުމުގެ އަދަބު ދެވުނީ 2014 ވަނަ އަހަރު، އެގައުމުގެ ބްލޮގަރ އެއް ކަމަށްވާ ރާއިފް ބަދަވީ އަށެވެ. އިސްލާމް ދީނަށް ފުރައްސާރަކުރިކަމުގެ ކުށުގައި 1000 އެތިފަހަރުން އޭނާ ތައުރީރު ކުރެވުނެވެ. ޖެހިގެން އައި އަހަރު އޭނާއަށް ވަނީ ޔޫރަޕިއަން ޕާލިމެންޓްގެ ފަރާތުން އިންސާނި ހައްޤުތަކާ ގުޅޭ އިނާމް ލިބިފައެވެ.
ޝަރިޢަތުން ސާބިތު ނުވާ ކުށްތަކަށް އަދަބު ދިނުމުގައި ހައްދުޖެހުން ނުހިމެނުމަށް ސަޢުދީ އަރަބިޔާއިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ