ކޮވިޑް-19:ކަރަންޓް ބިލުން 40 ޕަސެންޓް، ފެން ބިލުން 30 ޕަސެންޓް ކުޑަކުރަނީ

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ކޮންމެ ގޭބީސީއެއްގެ ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް ކުޑަކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެޕްރީލް އަދި މެއި މަހުގެ ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ސަބްސިޑީއެއް ދޭން ނިންމާފައިވާ ކަމަށެވެ. މިކަމުން އާންމުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެސްޓީއޯ އިން ތެލުގެ އަގު ހެޔޮ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކަންކަމަށް ދައުލަތުން 212 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހާއްސަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތަށް އަސަރުކޮށްފައިވާ ފަރުދުންނާއި ވިޔަފާރިވެރިކުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ދަރަނިތަކުގެ އިންޓްރެސްޓް ޕޭމެންޓް ކުޑަކޮށް ލޯނު ދެއްކުން ހަ މަސް ދުވަހަށް ލަސްކޮށްދިނުމަށް މިހާރު އަޅުގަނޑުމެން މިވަނީ ވާހަކަދައްކާފައި،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އިކޮނޮމިކް ޕެކޭޖުތައް އިއުލާނު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ލޯނުގެ ޕޭމެންޓް ކުޑަ ކުރުމަށްޓަކައި ހުށަހަޅާ މީހުން މިހާލަތުގައި ލޯނުގެ ޕޭމެންޓް ދެއްކެން އުނދަގޫކަން ބޭންކަށް ދައްކައިދޭން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އެކަންކަމުގެ ތަފްސީލް ބޭންކުތަކުން ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ދަނޑިވަޅަކީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ވެސް ފަރުދީ ޒިންމާ އަދާކުރަންވީ ވަގުތު ކަމަށާއި ސަރުކާރުން ދޭ ލުއިތައް ހެޔޮ ގޮތުގައި ބޭނުން ކުރުން މުހިއްމު ކަމަށެވެ. އެގޮތުން ކުންފުނިތަކުން ދިވެހިންގެ ވަޒީފާތައް މަދު ނުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ވަޒީފާތައް މަދު ނުވާނަމަ، ހަރަދުތައް މަދު ނުވެ، އިގްތިސާދީ ހާލަތުން އަރައިގަތުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި މާޗު މަހު މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ ނިސްބަތް ވަނީ 34.7 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މިމަހުގެ މިހާތަނަށް އާއި ޓޫރިސްޓުންގެ އަދަދަކީ 57،000 އެވެ. މީގެ އިތުރުން މުޅި އަހަރަށް ބަލާ އިރު ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް 12 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ ދަށްވުމެއް އަންނާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.
ދައުލަތް ހިންގަން އިތުރު 6 ބިލިއަން ރުފިޔާ ބޭނުންވޭ
މިނިސްޓަރު އަމީރު ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި ބޭރުގެ މާލީ އިދާރާތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައިވާ އިރު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި، މި ހާލަތުން އަރައިގަތުމަށް އިތުރު 6 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އެގޮތުން މާލީ އިދާރާތައް ކަމުގައިވާ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނީޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ދުނިޔޭގެ ހުރިހާ މާލީ އިދާރާތަކާއި މަލްޓި-ލޭޓްރަލް އޭޖެންސީތަކާއި އެކުވެރި ގައުމުތަކާ ވާހަކަދައްކަމުން މިދަނީ. ފެހި ސިގްނަލްތަކެއް ލިބެމުން އަންނަނީ. ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ކްރައިސިސް އަކަށް މިދަނީ. އެހެންވީމަ އާމްދަނީ ވެސް ދަށްވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ރިކަރަންޓް ހަރަދުން އެއް ބިލިއަން ރުފިޔާ އުނި ކުރުމަށް ނިންމާފައިވާ އިރު ރަމަޟާން މަހު ދިނުމަށް ހަމަޖެހިފައިވާ 3،000ރ. ގެ އިނާޔަތް ކުޑަކޮށް ނުވަތަ ނުދޭން އެއްވެސް ވަރަކަށް ވިސްނާފައެއް ނުވެ އެވެ. ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދަތި ހާލަތުގައި ދިރިއުޅުން ވީހާ ވެސް ބޮޑަށް ލުއި ފަސޭހަ ކޮށްދޭން މަސައްކަތް ކުރާ ކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ