"އެޖެންޑާ 19"ގެ ހިނގާލުން މިއަދު ހަވީރު

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހިންގާ މަގުމަތީ ހަރަކާތުގެ ތެރެއިން ހިނގާލުން މިއަދު ހަވީރު އޮންނާނެ ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީން ބުނީ މިއަދު ހަވީރު ބާއްވާ ހިނގާލުން ފެށޭނީ މިއަދު ހަވީރު 1:6:15 ގައި މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެ ކުރިމަތިން ކަމަށެވެ.
މިއީ "މަޖިލިސް 19" ކެމްޕެއިން ހަރަކާތުގެ ތެރެއިން އެމްޑީޕީން ބާއްވާ އެންމެ މުހިއްމު އެއް ހަރަކާތެވެ. މި ހަރަކާތުގެ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ލީޑަޝިޕްގެ ބޭފުޅުންނާއި އާންމު މެމްބަރުން އަދި ސަޕޯޓަރުން ބައިވެރިވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ވަނީ އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ 19 ވަނަ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް ކުރިމަތިލައި ކެންޑިޑޭޓުން ނެރެފަ އެވެ. އެމްޑީޕީ ކެންޑިޑޭޓަކު ނުނެރޭ ހަމައެކަނި ދާއިރާއަކީ ފ އަތޮޅުގެ ނިލަންދޫ ދާއިރާ އަށެވެ.
އެމްޑީޕީގެ "އެޖެންޑާ 19"ގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ބާއްވަމުންދާ ޕެނަލް ޑިސްކަޝަން ރޭ ސަލްޓަންޕާރކްގައި ވަނީ ބާއްވާފަ އެވެ. ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި އެ ޕެނަލް ޑިސްކަޝަންގައި މަޝްވަރާ ކޮށްފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި، ވަޒީފާ ހޯދާ ފަރާތްތަކަށް އެހީތެރިވެ ދިނުމާއި، މަތީ ތައުލީމާއި ޒުވާނުންނާ ގުޅޭ ފުރުސަތުތަކުގެ މައްޗަށެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހު ޕޯސްޓަރު ހަރުކުރުމާއި، ބިލް ބޯޑް ހަރުކުރުމާއި ލީފްލެޓް ބެހުން އޮންނާނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އެހަރަކާތް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެދުނު 09:00 އިން ހަވީރު 18:00 ޖަހަންދެން އެ ދާއިރާއެއްގެ ޖަގަހައިން ހެދުނުގެ ސައިފޮދަކާއިއެކު ކަމަށްވެސް އެމްޑީޕީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ