ފަނޑިޔާރު އަބްދުﷲ ދީދީގެ އެދުމުގެ މަތިން ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލްކޮށް، އޯޑިނަރީ ޕާސްޕޯޓެއް ދޫކޮށްފި

ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާއެކު ޖޭއެސްސީ އިން އެކަން ބެލުމަށްފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް ދޫކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކޮށް، އޯޑިނަރީ ޕާސްޕޯޓެއް ނަންގަވައިފި އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއަށް މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ކެންސަލްކޮށް، އޯޑިނަރީ ޕާސްޕޯޓެއް ނަގާފައިވަނީ އެއްވެސް އިދާރާ އަކުން އެކަމަށް އެންގުމުން ނޫން ކަމަށާއި އޭނާ އަމިއްލައަށް އެކަމަށް އެދިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އޯޑިނަރީ ޕާސްޕޯޓެއް ނަންގަވާފައިވަނީ މަހެއްހާ ދުވަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ މަހުގެ ރާއްޖެ ވަޑައިގެންނެވުމަށް ފަހު އެވެ. ނަމަވެސް އޯޑިނަރީ ޕާސްޕޯޓް ނެންގެވުމަށް ފަހު ޖެހިގެން އައި ދުވަހު އަނެއްކާވެސް ފަނޑިޔާރު ދީދީ ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފައެވެ.
ބޭރަށް ވަޑައިގެންނެވި ނަމަވެސް އޭނަގެ ގާނޫނީ ވަކީލުން މެދުވެރިކޮށް ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި ޖޭއެސްސީން އަބްދުﷲ ދީދީގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ރިޕޯޓަށް ޖަވާބުދާރީވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ދީދީގެ އިތުރު މައްސަލައެއް ބެލުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ އިރު، މިހާރު ވެސް އެ ކޮމިޝަނުން އަންނަނީ އޭނާގެ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން ފަނޑިޔާރު ދީދީއާ ގުޅޭގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅައިފައެވެ. އަދި ފުލުހުން އަންނަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އިން ފަނޑިޔާރު ދީދީއަށް ނަފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭތީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ