ގާޒީ ޝަކީލު އަނެއްކާވެސް ކްރިމިނަލް ކޯޓަށް ބަދަލުކޮށްފި
ފެމިލީ ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލު އަނެއްކާވެސް ކްރިމިނަލް ކޯޓަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ޖޭއެސްސީން މިއަދު ބުނީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ތިން ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓު ބަދަލު ކުރުމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ. ބަދަލު ކުރަން ނިންމި ތިން ފަނޑިޔާރުންނަކީ ޝަކީލުގެ އިތުރުން ފެމިލީ ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަމިރާއި އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ޝަކިލާއި ސަމީރު ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމާފައިވާ އިރު ޝަފީއު ބަދަލު ކުރަން ނިންމާފައި ވަނީ ސިވިލް ކޯޓަށެވެ. ޖޭއެސްސީއިން ބުނެފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެ ތިން ބޭފުޅުން މަސައްކަތް ކުރައްވާ ކޯޓު ބަދަލުވާނެ ކަމަށެވެ. ގާޒީ ޝަކީލު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޖުވެނައިލް ކޯޓުގަ އެވެ. އެ ފަހުން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ ފެމިލީ ކޯޓަށް ބަދަލުކޮށްފަ އެވެ. ސިވިލް ކޯޓަށް ބަދަލު ކުރި ގާޒީ ޝަފީއު އަކީ މީގެ ކުރިން ފެމިލީ ކޯޓުގެ ރެޖިސްޓްރާކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މިއީ އޭނާ އެހެން ކޯޓަކަށް ބަދަލު ކުރި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ