ސަލީމްގެ ބަދަލުގައި ޖޭއެސްސީ އަށް ލަތީފާ ގާސިމް ހަމަޖައްސައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ކަމަށް ޖުޑިޝަރީގެ ސްޕޯކްސް ޕާސަންކަން ކުރެއްވި ލަތީފާ ގާސިމް މިއަދު ހަމަޖައްސަވައިފި އެވެ.ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް ހަމަޖެއްސެވިކަމުގެ ލިޔުން ލަތީފާއާ ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު ވަހީދެވެ. އޭގެ ކުރިން ލަތީފާ ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ ކުރިފުޅުމަތީގައި ކުރައްވައިފަ އެވެ.ޖޭއެސްސީގެ މެމްބަރުކަމަށް ލަތީފާ ހަމަޖެއްސެވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވަކިކުރެއްވުމާ ގުޅިގެންނެވެ. އެނގިފައިވާ ގޮތުގައި ސަލީމް އެ މަގާމުން ވަކިކުރީ އޭނާގެ މައްޗަށް ފުލުހުން ކުރާ ޖިނާއީ ތުހުމަތަކާ ގުޅިގެންނެވެ. އެއީ އޭނާ އަށް ލިބެންޖެހޭ ފައިސާތަކެއް ހޯދުމަށް ގްރޫޕެއް ފޮނުވިކަމުގެ ތުހުމަތެވެ.ޖޭއެސްސީގައި ހުންނަވާ ރައީސްގެ މެމްބަރަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު ޖުމްލަ 40،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ