ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ހުންނެވުމަށް ހ. ދިވެހިގެ ކުއްޔަށް ހިފުމަށް އެގޭގެ ވެރި ފަރާތް ކަމަށްވާ މުހައްމަދު ޝަރީފާއެކު އިންޑިއާގެ ރައީސްގެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އެގޮތަށް ކަނޑައެޅީ އެ ގެ ކުއްޔަށް ދިނުމުގެ ސަބަބުން މުހައްމަދު ޝަރީފަށް ލިބެންޖެހޭ ފައިސާ އާއި ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 196،101 ޑޮލަރު ހޯދުމަށް ސިވިލް ކޯޓުގައި އޭނާ ދައުވާކުރުމުން އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ނިންމާފައިވާތީ އެ ނިންމުން އިސްތިއުނާފް ކުރުމުންނެވެ. ސިވިލް ކޯޓުން 2011 ވަނަ އަހަރުގެ ތެރޭގައި އެގޮތަށް ނިންމީ އިންޑިއަން ހައި ކޮމިޝަނުން ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބޭނުން ހިފުމުންނެވެ.
އެކަމާ ގުޅިގެން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންގައި ރައްކާތެރިކަން ދީފައިވަނީ ޑިޕްލޮމެޓިކް އޭޖެންޓުންނަށް ކަމަށާއި ނަމަވެސް ޝަރީފް އެ ދައުވާކޮށްފައި ވަނީ ޑިޕްލޮމެޓިކް އޭޖެންޓެއްގެ މައްޗަށް ނޫން ކަމަށެވެ. އަދި އެ މުއާހަދާއަށް އަމަލުކުރުމަށް ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިނުވާތީ އެ މުއާހަދާއަށް އަމަލުކުރުން "ރައްޔިތުން" ގެ މައްޗަށް ލާޒިމް ނޫން ކަމަށާއި އެހެންކަމުން އެ ދައުވާ ޝަރީފަށް ކުރެވިދާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ނަމަވެސް އެކަމުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ފެންނާތީ އެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމަށް އިތުރު ފުރުސަތު ދިނުމަށް ފެންނަ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ކުރިން އެ ފުރުސަތު ދިން ނަމަވެސް އެކަމަށް ހައްލެއް ހޯދިފައިނުވާކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން އެ ދައުވާ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައި އަދި ކޯޓުން ބޭރުގައި އެ މައްސަލަ ހައްލު ކުރުމަށް މިއަދުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތެއް ދޭ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ މުއްދަތު ނިމޭއިރު ހައްލެއް ނުލިބިއްޖެނަމަ ޝަރީފްގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ އެ މައްސަލަ ބަލަންޖެހޭނެ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ޔޫސުފް ހުސައިނާއި ފަނޑިޔާރު އައްބާސް ޝަރީފެވެ.
އެ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމީ އެއްވެސް އަޑުއެހުމެއް ވެސް ބޭއްވުމަކާ ނުލަ އެވެ. އެކަމާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައިވަނީ އަޑުއެހުމެއް ބޭއްވުމަކާ ނުލައި ގޮތެއް ނުނިންމޭނީ މައްސަލައިގެ މައުޟޫއާ މެދު ކަމަށާއި ނަމަވެސް އެ މައްސަލައިގައި ގޮތެއް ނިންމީ މައްސަލައިގެ މައުޟޫއާ މެދު ނޫން ކަމަށާއި އެ ނިންމުމަކީ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ނިންމި ނިންމުމެއް ކަމަށެވެ. އަދި އަޑުއެހުމެއް ބޭއްވުމަކާ ނުލައި ވެސް މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އިންޑިއަން ހައި ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ބެލޭނެ: ހައި ކޯޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ