ވެލިދޫގެ ދެ ޖަނަރޭޓަރެއް ހަލާކުވެ، ރަށުން ކަރަންޓް ކެނޑެން ފަށައިފި

ނ. ވެލިދޫގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑެމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ވެލިދޫ ކައުންސިލް މެންބަރު އަހުމަދު ސައީދު މިއަދު ވިދާޅުވީ ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވާން ފެށީ އެރަށުގައި ކުރިން ބޭނުން ކުރަމުން އައި ހަތަރު ޖަނަރޭޓަރުގެ ތެރެއިން 240 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 112 ކިލޯވޯޓުގެ ޖަނެރޭޓަރެއް ހަލާކުވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު މުޅި ރަށަށް ކަރަންޓް ދެމުން އަންނަނީ 112 ކިލޯގެ ދެ ޖަނެރޭޓަރުން ކަމަށާއި އެ ދެ ޖަނެރޭޓަރުން މުޅި ރަށަށް އެކަށީގެންވާ ގޮތުގައި ކަރަންޓް ނުދެވޭތީ ބައެއް ހިސާބުތުން އެކި ގަޑިތަކުގައި ކަރަންޓް ކަނޑަން ޖެހިފައިވާ ކަމަށެވެ.
ކަރަންޓްގެ މައްސަލަތައް ހައްލު ކުރުމަށް އެރަށުގައި ހުރި އެންމެ ބޮޑު ޖަނެރޭޓަރު ކަމަށްވާ 240 ކިލޯ ވޯޓުގެ ޖަނެރޭޓަރު މަރާމާތު ކުރުމަށްޓަކައި ބޭނުންވާ ސްޕެއާޕާޓްސް ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފައިވާތާ ދެ ހަފްތާ ވެފައިވާއިރު އަދި ވެސް ސްޕެއާޕާޓްތައް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިރަށުގައި ހުރި އެންމެ ބޮޑު ޖަނަރޭޓަރަކީ 240 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް. ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެ ޖަނެރޭޓަރު މަރާމާތު ކުރަންޖެހޭ. އޭގެ ސްޕެއާ ޕާޓްސް ހޯދަން ރާއްޖެއިން ބޭރަށް ވަނީ އޯޑަރު ކޮށްފަ. ނަމަވެސް ދެ ހަފްތާ ވީއިރުވެސް ސްޕެއާޕާޓްސް އަދި ވެސް ނުލިބޭ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވާތީ ރައްޔިތުންގެ ޝަކުވާތައް ގިނަވެފައިވާ ކަމަށާއި މިރޭ ވެސް ބަނދަރު މައްޗާއި ރަށުގެ އެކިއެކި މަގުތަކުން ކަރަންޓް ކަނޑަން ޖެހިދާނެ ކަމަށް އިންޖީނުގެއިން ބުނެފައިވާ ކަމަށެވެ.
ވެލިދޫ އަކީ 2400 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ