ކުށެއް ނުކުރަން، ބަޔަކަށް ނުފޫޒު ފޯރުވާކަށް ނޫޅެން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ކިތަންމެ ދައުވާއެއް އުފުލިޔަސް ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ތިން ދައުވާ ގާސިމްގެ މައްޗަށް އުފުލައި، ޝަރީއަތް ވަނީ ފަށައިފަ އެވެ. މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަށް ދައުވާކުރަނީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުން އިތުރު ދައުރަކަށް ހޮވަން އެހީވާނެ ކަމަށް ވިދާޅުވުމުންނެވެ.
އިދިކޮޅު ކޯލިޝަންގެ މިރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ، އޭނާ ދެއްކެވި ވާހަކަ އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލުންނާއި ޕާލިމެންޓްރީ ގްރޫޕުން ނިންމި ނިންމުމެއްގެ ވާހަކަ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެއީ އޭނާގެ އަމިއްލަ ނިންމެވުމެއް ނޫނެވެ. އެ ވާހަކަ އަކީ ބަޔަކަށް ނުފޫޒު ފޯރުވަން ދެއްކެވި ވާހަކައެއް ނޫން ކަމަށާއި އެކަމުގައި ކޯޓުން އިންސާފުން މައްސަލަ ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ފަނޑިޔާރުން އިންސާފުގެ މަގުން ނިންމަވާނެ ކަމަށް އަޅުގަނޑުމެން ޔަގީން ކުރަނީ. އަދި އަޅުގަނޑުމެންގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި އެހެން ފަރާތްތަކުން ވެސް،" ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ބަންދުގައި ހުންނެވި ދޫނިދޫގެ ހާލަތާ ގުޅިގެން ގާސިމް ވިދާޅުވީ އެތަނުގެ ހާލަތު މިހާރު ހުރީ އެންމެ ކުރީ ޒަމާނަށް ވުރެ ހާލަތު ދަށްކޮށް ކަމަށެވެ. އަދި އެކަންކަން އިސްލާހު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން އެކަންކަން ބައްލަވައި، ރަނގަޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަމަކު ފުލުހުން އޭނާއާ މެދު އަމަލުކުރި ގޮތް ރަނގަޅު ކަމަށް ވިދާޅުވާ ވިދާޅުވުން ގާސިމް މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަކާ ގުޅިގެން ގާސިމް ވިދާޅުވީ 42 މެމްބަރުންގެ ސޮޔާ އެކު ނޫނީ މަޖިލީހުގެ ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. މަސީހުގެ މައްސަލަ ދެވަނަ ފަހަރަށް ހުށަހަޅާފައި އޮއްވައި އެކަން އެގޮތަށް ކުރުމަކީ ގާނޫނީ ގޮތުން ބަލާއިރު ވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އޭނާ ވިދާޅުވި އެވެ.
"އެއީ ކޮންފިޑެންސް ނެތުނީމަ ދެއްތޯ؟ ކޮންފިޑެންސް ނެތުމަށް މެދުވެރިވީ ކީއްވެގެންތޯ؟ ވަރަށް ގިނަ ވާހަކަ ދައްކައިގެން ކަން ނޭނގޭ އެ ހިސާބަށް ދެވޭނީ. އެ ކޮންފިޑެންސް ނެތިގެން މި އުޅުއްވާ ސަބަބު ވަރަށް ސާފު އަޅުގަނޑުމެންނަށް." މަޖިލީހުގެ މެމްބަރުންނާ މެދު ރައީސް ޔާމީނަށް އިތުބާރު ނެތް ކަމަށް ވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.
ތަރައްގީގެ ގޮތުން ރައީސް ޔާމީނަކީ އެންމެ އަވަހަށް ތަރައްގީ ގެންނެވި ރައީސް ކަމަށާއި އެކަމަކު އެ ހުރިހާ ތަރައްގީއަކާ އެކު ކޮރަޕްޝަން އޮތީ އިންތިހާ އަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ މަޝްރޫއެއް ހިންގިޔަސް އޭގެ އަނެއް ފަރާތުގައި އޮތީ ކޮރަޕްޝަން ކަމަށާއި އާޚިރުގައި އޭގެ ހުރިހާ ދެރައެއް ލިބެނީ ރައްޔިތުންނަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ