އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ޖަވާބުދާރީވާން އިބްރާހިމް ދީދީ އާއި ޒިޔާދަށް ތިން ދުވަސް

އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ކުރީގެ ކާނަލް މުހައްމަދު ޒިޔާދަށް ޓެރަރިޒަމްގެ ދައުވާއަށް ޖަވާބުދާރީވުމަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިރޭ ދީފި އެވެ. އެ ބޭފުޅުންގެ މައްޗަށް ޓެރަރިޒްމްގެ ދައުވާ ކުރަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރުމުގައި ބައިވެރިވިކަމުގެ ތުހްމަތުގަ އެވެ. ކްރިމިނަލް ކޯޓުގައި ވަކިވަކިން ބޭއްވި އަޑުއެހުންތަކުގައި ދެ ބޭފުޅުންގެ ގާނޫނީ ވަކީލުން އެދިވަޑައިގެންނެވީ މައްސަލާގައި ޖަވާބުދާރީވާން އިތުރު ދުވަސް ދިނުމަށެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. މީގެ ތެރެއިން ނަޝީދާއި ޖަލީލް ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. ހުރިހާ ބޭފުޅުންގެ ޝަރީއަތްތައް ވެސް ކުރިއަށް ދަނީ ވަކިވަކިންނެވެ.  އާއްމު އުސޫލެއްގެ ގޮތުން ކްރިމިނަލް ކޯޓުގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ކޮންމެ ގާޒީއަކާ ވަކިން މައްސަލަތައް ހަވާލުކޮށްގެން ނަމަވެސް، މި މައްސަލަތައް ބެލުމަށް އެ ކޯޓުން ވަނީ ތިން ގާޒީންގެ ބެންޗެއް އެކުލަވާލައިފަ އެވެ. އެ ބެންޗުގައި އިސް ގާޒީ އަކަށް ހުންނަވަނީ، ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ދެން ތިއްބަވަނީ އަބްދުލްބާރީ ޔޫސުފްގެ އިތުރުން ޝުޖާއު އުސްމާނެވެ.ނަޝީދުގެ ވެރިކަމުގައި، ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކޮށް، 22 ދުވަސް ވަންދެން ކ. ގިރިފުށީގައި ބަހައްޓާފައި ހުރި މައްސަލައިގައި، އެ ފަސް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، އެ މައްސަލައިގައި އެ ބޭފުޅުންގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ހުޅުމާލޭ ކޯޓުގައި އުފުލި، ގާނޫނާ ހިލާފަށް މީހަކު ބަންދުކޮށްގެން ގެންގުޅުމުގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ