ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ނުކުރަން: މެމްބަރުން

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ނުހިންގަވާ ކަމަށާއި އެއްވެސް ތަނެއްގައި އެފަދަ ވާހަކައެއް ވެސް ނުދައްކަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވާހަކަތައް ދައްކަވާފައިވާ ކަމަށް ބުނެ އާއި 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާނުލުމަށް އެ ކޯޓުން ކޮށްފައިވާ އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން ބަލަމުންދާ މައްސަލާގައި، މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އިލެކްޝަންސްގެ ކޮންމެ މެންބަރަކާ ވަކިވަކިން ސުވާލު ކުރައްވައިފަ އެވެ. އެކަމަކު ހުރިހާ މެންބަރުން ވެސް ވަނީ ސުޕްރީމް ކޯޓުގެ ތުހުމަތުތަކަށް އިންކާރުކުރައްވައިފަ އެވެ. ސުޕްރީމް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް ބައެއް މީޑިއާތަކުގައި ވާހަކަ ދައްކަވައި އެ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވާފައިވާނެތޯ ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް
ކޮމިޝަންގެ ރައީސް ފުއަދު ތައުފީގު ވިދާޅުވީ ކޮމިޝަނަކީ ރައްޔިތުންނަށް
ޖަވާބުދާރީވާންޖެހޭ އިދާރާއަކަށް ވާތީ މީޑިއާގެ ވަރަށް ގިނަ ސުވާލުތަކަށް
ޖަވާބު ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކަވައި އަމުރަކާ ހިލާފަށް އަމަލުކުރައްވާފައި ނުވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
އަދި މަޖިލީހުގެ ކޮމިޓީގައި ދައްކަވާފައިވާ ވާހަކަތަކަކީ ވެސް ކޮމިޓީގެ
މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން ދެއްވި ޖަވާބުތަކާއި
މައުލޫމާތުތަކެއް ކަމަށާއި އެ ކޮމިޓީގައި ދައްކަވާ ވާހަކަތަކަކީ ގާނޫނީ ގޮތުން "ޕްރިވިލެޖް" ލިބިގެންވާ ވާހަކަތަކެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިޔާސީ ޕާޓީތަކެއް
އުވާލި މައްސަލައާ ބެހޭ ގޮތުން ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ޖަވާބު
ދެއްވަމުން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް ވިދާޅުވީ 3،000
މީހުން ހަމަނުވާ ޕާޓީތައް އުވާލުމަށް ނިންމީ އެ ކޮމިޝަންގެ ރަސްމީ
ޖަލްސާއެއްގައި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. އެ ނިންމުން ނިންމުމުގައި ރިޔާއަތްކުރެއްވި
ކަންތައްތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ
ހުކުމާއި އަމުރުތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. މެންބަރުންގެ
އަދަދު 3،000 މީހުން ހަމަނުވާ ޕާޓީތައް އުވާލުމަށް ސުޕްރީމް ކޯޓުން
އަންގާފައިވޭތޯ އާއި އެ ބާރު ކޮމިޝަނަށް އެ އަމުރުން ލިބިދީފައިވޭތޯ
ފަނޑިޔާރުން ކުރެއްވި ސުވާލުގެ ޖަވާބުގައި ފަޔާޒް ވިދާޅުވީ އެފަދަ ގޮތަކަށް
އަމުރުގައި ނެތް ކަމަށާއި ނަމަވެސް ޕާޓީތައް އުވާލުމަށް ގާނޫނުގައި އޮތް
މާއްދާ އަށް އަމަލުނުކުރަން ވެސް އަމަރުގައި ނެތް ކަމަށެވެ. 
ފުއާދު ވިދާޅުވި ގޮތުގައި ޕާޓީތައް އުވާލީ 10،000 ހަމަނުވެގެނެއް ނޫނެވެ.
އަދި އެ ފިޔަވަޅު އެޅުއްވީ އެ ޕާޓީތަކުގައި 3،000 މެންބަރުން ހަމަނުވެގެން
ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގޮތަށް ކޮމިޝަނުން ނިންމީ ސިޔާސީ
ޕާޓީއެއް އުފެއްދުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 3،000 މީހުން ކަމަށް
ބެލުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި އޮންނާތީ އެ ޕާޓީއެއް ދެމިއޮތުމަށް
ބޭނުންވާ އަދަދަކީ ވެސް އެއީ ކަމަށް ގަބޫލުކުރެއްވޭތީ ކަމަށް ފުއާދު
ވިދާޅުވި އެވެ.ސުޕްރީމް ކޯޓުގެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުން ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ މިދިޔަ އަހަރުގެ
ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނަށް
އަމަލުނުކުރާނެ ކަމަށް އެއްވެސް ނިއުސް ކޮންފަރެންސެއްގައި ވިދާޅުވެފައި
ނުވާނެ ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރުތަކަށް ހުރުމަތްތެރިކޮށް ހިތްތަވާނެ
ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ކަމެއް ނުކުރައްވާ ކަމަށް ﷲ ގަންދީ ހުވާކުރައްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. ކޮމިޝަންގެ
މެންބަރު މުހައްމަދު ފާރޫގު ވިދާޅުވީ ނިއުސް ކޮންފަރެންސްތަކުގައި
ބައިވެރިވަޑައި ނުގަންނަވާތީ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ވާހަކައެއް
ދެކެވިފައިވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގައި ދައްކަވާ
ވާހަކަތަކަކީ އެ ތަނުގެ ހަތަރު ފާރުގެ ތެރޭގައި ހިފެހެއްޓިފައި
ހުންނަންޖެހޭ ވާހަކަތަކެއް ކަމަށް ވާތީ އެ ވާހަކަތަކާ ގުޅިގެން
ދައުވާކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިސްލާމީ
ޝަރީއަތާއި ހުކުމްތަކާ ހިލާފު ނުވާ ގޮތަށް މަޖިލީހުގެ ޖަލްސާތަކާއި
ކޮމިޓީތަކުގައި ވާހަކަ ދެއްކެވިދާނެ ކަމަށް ގާނޫނޫ އަސާސީގައި އޮންނަ އިރު
އަދުލު އިންސާފު ގާއިމުކުރުން ވެސް އިސްލާމީ ޝަރީއަތުގެ ހިމެނޭ ކަމަށާއި
ގައިޑްލައިނާ ދެކޮޅަށް ކޮމިޓީގައި ވާހަކަ ދެއްކުމަކީ އަދުލު އިންސާފު
ގާއިމުކުރުމަށް ހުރަސް އެޅުން ކަމަށް ވުމުން އެއީ އިސްލާމީ ޝަރީއަތާ
ހިލާފުވުން ނޫންތޯ ވިދާޅުވެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ސުވާލު އުފައްދަވައިފަ އެވެ.ރިޔާސީ އިންތިހާބު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އެ
އިންތިހާބު ބޭއްވުމަށް މަސައްކަތްކުރުމަކީ ގައިޑްލައިނާ ހިލާފުވެ، ކޯޓުގެ
ހުރުމަތް ކެނޑުން ނޫންތޯ ފަނޑިޔާރު އަބްދުﷲ ދީދީ ކުރެއްވި ސުވާލަށް ޖަވާބު
ދެއްވަމުން ފުއާދު ވިދާޅުވީ ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބު
ފަސްކުރި ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ވެސް ތައްޔާރީތައް ވަމުން
ދިޔައީ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ
މައްސަލައިގެ ހުކުމް އަންނާނެ ދަނޑިވަޅެއް ނޭނގޭތީ ކަމަށެވެ. ވޯޓާސް
ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރަން ގައިޑްލައިންގައި އޮތް ނަމަވެސް
ލޯކަލް ކައުންސިލް އިންތިހާބުގައި 2،600 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ
ސޮއި ހޯދުމަކީ ނުވާނެ ކަމެއްގެ ގޮތުގައި ފުއާދު ވިދާޅުވި ވާހަކަތަކާ
ގުޅިގެން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ގާނޫނެއް ގެޒެޓްކުރުމަށް ފަހު،
އެ ގާނޫނެއް ނިސްބަތްވާ އިދާރާ އަކަށް، ދަތިތަކެއް ހުރި ކަމަށް ބުނެ އެ
ގާނޫނު ތަންފީޒު ނުކުރުމުގެ އިހުތިޔާރު ލިބިގެން ނުވާ ކަމަށެވެ. ކަން
އެހެން އޮތް އިރު ސުޕްރީމް ކޯޓަކީ ގާނޫނު މާނަކުރުމުގެ އެންމެ ފަހު ބަސް
ބުނާ ފަރާތް ކަމަށް ވުމުން އެ ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިނަށް،
ދަތިތަކެއް ހުރި ކަމަށް ބުނެ އަމަލުނުކުރުމުގެ އިހުތިޔާރު ކޮމިޝަނަށް
ލިބިގެންވޭތޯ އާއި އެކަމާ މެދު ސުވާލު އުފައްދައި އެޓާނީ ޖެނެރަލް އޮފީހަށް
ލަފާ ހޯދުމަށް ފޮނުވީ ކީއްވެގެންތޯ ފަނޑިޔާރު ސުވާލުކުރެއްވި އެވެ. ފުއާދު
ވިދާޅުވީ ގާނޫނުތައް ފާސްކުރާ ފަހުން ވެސް އިސްލާހުތައް ގެންނަ ކަމަށާއި
ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ވެސް މުރާޖައާ ކުރުމަކީ އޮތް ކަމެއް
ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ކޮމިޝަންގެ
މެންބަރުން ކަމުން އިބްރާހީމް ވަހީދު )އޮގަރު ވަހީދު(
ވަކިވެވަޑައިގަތުމުން މެންބަރުންގެ އަދަދު ހަތަރަކަށް މަދުވެފައިވާ އިރު އެ
ގޮތުގައި އޮއްވައި ކޮމިޝަނުން ނިންމާ ނިންމުތަކާ މެދު ގާނޫނީ ގޮތުން
ސުވާލު އުފެއްދޭނެ ކަމަށް ވެސް ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.
ގާނޫނުގައިވާ ގޮތުން މެންބަރުންގެ އަދަދަކީ ފަހެއް ކަމަށްވާ އިރު
ކޮމިޝަންގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައި އެއީ "ޑިފެކްޓޯ"
ކޮމިޝަނެއްގެ ގޮތުގައި ފަނޑިޔާރު އަބްދުﷲ ސައީދު ސިފާކުރެއްވި އެވެ. ޖަވާބުގައި
ފުއާދު ވިދާޅުވީ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ މަސައްކަތް
ކުރިއަށްދާ އިރު އެ މަސައްކަތް ނިމެންދެން ކޮމިޝަންގެ މަސައްކަތްތައް
ކުރިއަށް ގެންދާނެ ގޮތެއް އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށެވެ.
އަދި ކޮމިޝަންގައި ފަސް މެންބަރުން ތިއްބެވި ނަމަވެސް ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ އަދަދަކީ ތިން މެމްބަރުން ކަމަށާއި މީގެ ކުރިން ވެސް އެ ގޮތަށް ޖަލްސާތައް ބާއްވައި ކޮމިޝަނުން ކަންކަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮމިޝަންގެ
މެންބަރުން ވިދާޅުވި ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ
ލިޔުންތަކާ ބެހޭ ގޮތުން ވެސް ވަކިވަކި މެންބަރުންނާ ފަނޑިޔާރުން ވަނީ
ސުވާލު ކުރައްވައިފަ އެވެ. ނަމަވެސް ފާރޫގު ފިޔަވައި ދެން ތިއްބެވި
މެންބަރުން ވިދާޅުވީ އެ ލިޔުންތައް މުޅިން ދިރާސާކުރެވިފައި ނުވާތީ އޭގެ
ސައްހަކަ ބެލުމަށް ވަގުތު ބޭނުންވާ ކަމަށެވެ. ފާރޫގު ވިދާޅުވީ ހުރިހާ
ލިޔުންތަކެއް ވެސް ބެއްލެވި ކަމަށާއި ރިޕޯޓްތަކުގައި "އިންއެކިއުރޭޓް"
އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. ސުޕްރީމް
ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލު ހުސެއިން ސިރާޖްގެ
މައްޗަށް ވެސް ތުހުމަތުތަކެއް ކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ފަނަޑިޔާރުން ސުވާލު ކުރައްވަނީ ވަރަށް ހަރުކަށިކޮށް ކަމަށް ސިފަކުރައްވައި،
ގައިޑްލައިންގެ މައްސަލާގައި ސުޕްރީމް ކޯޓަށް ނުދިއުމަށް އިލެކްޝަންސް
ކޮމިޝަނަށް ލަފާދެއްވިތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ސިރާޖް ވަނީ އެ
ކަމަށް އިންކާރުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ގާނޫނީ ގޮތުން ދޭންޖެހޭ
ލަފާ ދެއްވި ނަމަވެސް އޭގެ ތެރެއަށް "ޖަޒުބާތު" ނުވައްދާ ކަމަށެވެ. ސުޕްރީމް ކޯޓުގެ
ތުހުމަތުތަކަށް ކޮމިޝަނުން ޖަވާބުދާރީވުމަށް މިއަދު ބޭއްވި ޝަރީއަތުގެ
މަޖިލީހުގައި ސިރާޖް ވިދާޅުވީ މައްސަލައިގެ ތަފްސީލްތައް ލިބުނީ މިއަދު
ކަމަށް ވާތީ އެ ކަމަށް ޖަވާބުދާރީ ވުމަށް ވަގުތު ބޭނުންވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން މިއަދުގެ ޝަރީއަތުގެ މަޖިލިސް
ނިންމަވާލެއްވި އިރު ދެން މަޖިލިސް ބާއްވާނެ ދުވަހެއް އިއުލާނެއް
ނުކުރައްވަ އެވެ.
ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރާ ތުހުމަތުގެ
މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު
ފާއިޒް ހުސެއިނާއި ޑރ. އަބްދުﷲ ދީދީ އާއި އަބްދުﷲ ސައީދާއި އަލީ ހަމީދު މުހައްމަދު
އަދި އާދަމް މުހަންމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ