އޭ ލެވެލް އިމްތިހާނުގައި ރާއްޖެ އިން ވެސް އަންހެން ކުދިން ހޯދާ ނަތީޖާ އަހަރުން އަހަރަށް މަތިވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު އޭ ލެވެލް އިމްތިހާނުގައި ބައިވެރިވާ އަންހެން ކުދިންގެ ނިސްބަތް އިތުރުވެ ހާސިލްކުރާ ނަތީޖާ ވެސް އަންނަނީ ރަނގަޅުވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި ގޮތުގައި މިދިޔަ އަހަރުގެ މެއި/ޖޫން އިމްތިިހާނުގައި 1،700 އަށް ވުރެ ގިނަ ދަރިވަރުންގެ ތެރޭގައި 1،111 ކުދިން ހިމެނެ އެވެ. ގައުމީ މިންގަނޑެއްގެ ގޮތުގައި ބަލާ، އޭ ލެވެލް އިމްތިހާނުގެ ތިން މާއްދާ އިން ފާސްވީ ނިސްބަތުގެ 48.5 ޕަސެންޓް ހިއްސާކުރަނީ އަންހެން ކުދިން ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. އޭ ލެވެލް އިމްތިހާނުގައި ތިން މާއްދާ އިން ފާސްވި ކުދިންގެ ނިސްބަތް އުޅެނީ 74.9 ޕަސެންޓުގަ އެވެ.
"ވޭތުވެ ފަސް އަހަރަށް ބަލާއިރު ދިވެހި އަންހެން ކުދިން އޭ ލެވެލްގައި ހޯދާ ކާމިޔާބީތައް އަންނަނީ އިތުރުވަމުން. ދުނިޔޭގެ ޓްރެންޑަށް ބަލާލިއަސް މަތީ ސާނަވީ މަރުހަލާގައި އަންހެން ކުދިން ފިރިހެން ކުދިންނަށް ވުރެ ރަނގަޅު ނަތީޖާ ހޯދާކަން ފާހަގަކުރެވޭ. އަދި މަތީ ސާނަވީގައި ކިޔަވާ ފިރިހެން ކުދިންގެ އަދަދު މަދުވެ އަންހެން ކުދިންގެ އަދަދު އަންނަނީ އިތުރުވަމުން،" އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ވިދާޅުވި އެވެ.
އޯ ލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި އަންހެން ދަރިވަރުންގެ ނިސްބަތް ގިނަ ކަން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވެސް ފާހަގަކުރައްވަ އެވެ.
"ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ތެރޭގައި އަންހެން ދަރިވަރުންގެ އިންސައްތަ އިތުރުވުން ރަމްޒުކޮށް ދެނީ ރާއްޖޭގެ ތަހުޒީބު. ވާދަކުރުމުގެ ފުރުސަތު ދެ ޖިންސަށް ވެސް ހަމަހަމަކުރެވިފައިވާ މިންވަރު. މިއީ ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވަރަށް މުހިއްމު ކަމެއް،" އޭލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރަން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތައުލީމް ދޭން ފެށި ހިސާބުން ފެށިގެން ވެސް ދެ ޖިންސަށް އެއްވެސް ތަފާތުކުރުމެއް ނެތެވެ. މިއަދު އަންހެން ދަރިވަރުން ހޯދާ ކާމިޔާބީގެ ފަހަތުގައި ވަނީ ޖިންސުގެ ތަފާތުކުރެމެއް ނެތި ތައުލީމް ހޯދައިދޭން ހުޅުވައިދީފައިވާ ފުރުސަތުތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭ ލެވްލްގައި އަންހެން ކުދިން ހޯދާ ނަތީޖާ އަންނަނީ މަތިވަމުން: އެޑިއުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ