ސިޔާސީ ޕާޓީއަކުން ވަކި ބައެއްގެ މަސްލަހަތަކަށް ނޫޅޭނެ: މައުމޫން

ޕީޕީއެމްއަކީ ވަކި މީހެއް ނުވަތަ ވަކި ބައެއްގެ މަސްލަހަތަށްޓަކައި މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށާއި އެފަދަ ޕާޓީ އަކީ ސިޔާސީ ޕާޓީއެއް ނޫން ކަމަށް ކުރީގެ ޕީޕީއެމްގެ ވަގުތީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ޕީޕީއެމްގެ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ކުރީގެ ރައީސް މައުމޫން އައްޑު އަށް ވަޑައިގެން، ސ. ހިތަދޫގައި ހަދާފައިވާ އެ ޕާޓީގެ ޖަހަގަ ރަސްމީކޮށް ހުޅުއްވައި ދެއްވަމުން ވިދާޅުވީ ވިދާޅުވީ 2013 ގައި ރިއާސި އިންތިބާ ޕީޕީއެމުން ކާމިޔާބް ކުރުމަށް އައްޑޫގައި ތިބި އެ ޕާޓީގެ ހުރިހާ މެމްބަރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް އައްޑޫގެ މެމްބަރުން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އަދި އައްޑޫގައި ޕީޕީއެމް އަށް ވަންނަ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެ ޕާޓީގެ މެމްބަރުންނަކީ ޕާޓީގެ މުސްތަގުބަލަށްޓަކައި މަސައްކަތް ކުރާނެ މެމްބަރުން ތިބި ޕާޓީއެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްކީ ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ޕާޓީއަށްވުމާ އެކު އެއީ ކުރިމަގު އޮތް، ރާއްޖޭގައި ވެރިކަން ކުރުމުގެ ގާބިލްކަން ލިބިފައިވާ ފުރިހަމަ ސިޔާސީ ޕާޓީއެއް ކަމަށެވެ. އެހެންވެ އެ ޕާޓީގެ ހުރިހާ މެމްބަރުން ވެސް މިހާރު މަސައްކަތް ކުރަންވީ 2013 ގެ އިންތިހާބް ކާމިޔާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.
ހިތަދޫ އަނބުގަސްދޮށުގޭގައި ހަދާފައިވާ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު މައުމޫން ވިދާޅުވީ މި ރެއަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް އައްޑޫގެ ފެށިގެންދާ ރޭ ކަމަށެވެ. އަދި އެ ޕާޓީގެ ހަރަކާތްތައް އައްޑޫގައި ފެށުމުގެ ގޮތުން އެ ޕާޓީއަށް ތާއީދު ކުރާ އެތައް ބަޔަކު ގުޅިގެން ބޮޑެތި ތައްޔާރީތަކެއްވެ ވަރަށް ފޯރި އާއި ޖޯޝާއެކީ މަސައްކަތްތަކެއްކޮށްފައި ވާތީ އެކަމަށް މައުމޫން ވަނީ ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.
އަދި އެ ޖަގަހަކީ އަނބުގަސްދޮށުގޭ އަލީ ހަނީފް ހިލޭ ސާބަހަށް، ޕީޕީއެމްގެ ހަރަކާތްތައް ހިންގުމަށް ދީފައިވާ ތަނަކަށްވާތީ އެކަމަށްޓަކައި މައުމޫން ވަނީ ހަނީފަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ހިތަދޫގައި ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމަށް ތާއީދުކުރާ ގިނ ބަޔަކު ބައިވެރިވި އެވެ. އަދި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާއި މަޖިލިސް މެމްބަރުންނާއި އެ ޕާޓީ އަށް ނިސްބަތްވާ ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ޖަގަހައިގައި ހުރި ޕީޕީއެމްގެ އޮފީހުގައި އޮތް މެހުމާނުން ސޮއިކުރާ ފޮތުގައި ބަޔާނެއް ލިއުއްވައި މައުމޫން ސޮއިކުރެއްވި އެވެ. އަދި ކުރިން ޑީއާރްޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި މިހާރު ސަދަން ޔުޓިލިޓީޒް ލިމިޑެޓް(އެސްޔޫއެލް) ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހެއިރު(އަބްހަރީ) ޕީޕީއެމް އަށް ސޮއި ކުރެއްވި ފޯމްގައި މައުމޫން ވަނީ ސޮއި ވެސް ކުރައްވައި ޒުހެއިރު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.
ހުކުރު ދުވަހުގެ ރޭ ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ހިތަދޫ ޝަރަފުއްދީން(މުހިއްބުއްދީން) ސްކޫލްގައި ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ