ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދޫކޮށްލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރީ މިމަހުގެ 6 ދުވަހުގެ ރޭ އިޝާ ނަމާދު ވަގުތާ ދިމާކޮށް އެމަނިކުފާނުގެ ގެ، މާފަންނު ވިލާގައި ހުންނަވަނިކޮށެވެ. އަދި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ ބަންދަށް 6 ދުވަސް ދިނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.
ގާސިމް އިބްރާހީމް ދޫކޮށްލަން ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގާސިމް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު ބާތިލް އަމުރެއް ކަމަށެވެ.
އެ އަމުރުގައި ބުނެފައި ވަނީ ގާސިމް ހައްޔަރުކޮށްފައި ވަނީ ކުށެއް ކުރަނިކޮށް ނުވަތަ ކުށުގެ ވެށިން ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި މަޖިލީހުގެ މެންބަރެއް ހައްޔަރު ކުރެވޭނީ ޕީޖީ އޮފީހުން އެދިގެން ސުޕީރިއާ ކޯޓެއްގެ އަމުރަށް ކަމަށް އެނގެން އޮންނަ ކަމަށެވެ. އެގޮތަށް މެމްބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
ހައިކޯޓުން ގާސިމް ދޫކޮށްލުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރުމުގައި ގޯސްކޮށް އަމަލުކުރެވިފައިވަނީ ފުލުހުންނާ ކްރިމިނަލް ކޯޓަށް އެރި އޮޅުމެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ދޫނިދޫގައި ބަންދުގައި ހުންނެވިއިރު ފުލުހުން ވަރަށް ރަނގަޅަށް ޕްރޮފެޝަނަލްކޮށް އަމަލުކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އެތަނުގައި އިސްލާހު ކުރަންޖެހޭ އުސޫލުތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ.
މިއަދަކީ އުފާވެރި ދުވަހެއް ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އުފާވަނީ ފުލުހުންގެ އަހްލާގަށް ސުލޫކަށް އިސްލާހީ ރަނގަޅު ބަދަލުތަކެއް އައިސްފައިވާ މަންޒަރު ފެނުމުން ކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރޭގައި އަމަލުކުރުމަށް 2004 ވަނަ އަހަރާ އަޅާބަލާއިރު މިއަދު އޮތީ މާހަރުކަށި އުސޫލެއް ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް މިއަދު ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފައިވާ އިރު އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެއީ ރިޝަވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި, ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އަދި ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.
ހައިކޯޓުން ކުރި ހުކުމާއެކު ގާސިމް އިބްރާހިމް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ