ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ ކުރަފިތަކަކަށް ސެލްޓޮކްސް ޖަހާހެން: މެމްބަރު ފައިސަލް

އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް އެއްވުމުން ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ ކުރަފިތަކަކަށް ސެލްޓޮކްސް ޖަހާހެން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މިރޭ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރައްޔިތުންނަށް އަނިޔާކުރި ދުވަސް އަލްވަދާއުކިޔާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް އިންސާފު ހޯދައިދޭން ސަލާމަތީ ބާރުތަކުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ލޯތްބަކީ އެއްވެސް ގޮތަކަށް ބިރުދައްކައިގެން ހޯދާ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ހުރިހާ ގޮތަކުން، މަޖިލިސް ތެރޭގައި ވެސް ބިރުދެއްކުން، މަގުމަތީގައި ބިރުދެއްކުން. އަޅުގަނޑުމެން މިކަހަލަ ތަނެއްގައި މަޑުކޮށްފިކަމަށް ވަންޏާ ދޮރުމައްޗަށް އައިސް ކުރަފިތަކަކަށް ސެލްޓޮކްސް ޖާހަލާ ގޮތަށް އަޅުގަނޑުމެންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހަނީ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހެއްގެ އަތުގައި ބާރު އޮތުމުން ވަގުތުކޮޅަކަށް އަނިިޔާކުރެވިދާނެ ކަމަށެވެ.
"އަޅުގަނޑުމެން ދެރަވޭ، އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހެއްގެ ހިތްވަރަކަށް، އަޒުމަކަށް ގުޑުމެއް ނާރާނެ. އޮނަރަބްލް ގާސިމް އިބްރާހިމް އެކުރައްވާ ހިތްވަރަށާއި މަސައްކަތަކަށް މިކަމުން އެއްވެސް ގުޑުމެއް ނާރާނެ،" އެ ޕާޓީގެ ލީޑަރު ހައްޔަރުކޮށްފައިވާ މައްސަލައަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ފަށާފައިވާ މަސައްކަތަކީ އެންމެ ފަރުދަކަށް ނިސްބަތްވާ މަސައްކަތެއް ނޫން ކަމަށާއި އެއީ މުޅި ގައުމުގެ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން އެންމެ ކުޑަކުދިންނަށް ވެސް އެބަ އެނގޭ ގާނޫނާ ހިލާފަށް، ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންގަތުމަކީ އެއްވެސް ހާލެއްގައި ކުރަން ޖެހޭ ކަމެއް ނޫންކަން. އަޅުގަނޑު މި ވާހަކަދައްކާއިރު ހަމަ ހިތާމަކުރަން. އަޅުގަނޑު ހަމަ ހިތަށްއަރަނީ ދިވެހި ސަލާމަތީ ބާރުތަކުން، ދިވެހި ފުލުހުންނަށް ހަމަ މި ގާނޫނުތައް ނުފެންނަނީތޯއޭ،" އޭނާ ވިދާޅުވި އެވެ.
"އެކަންތައްތައްކުރާ ފަރާތްތަކުން އެބަ ޖެހޭ، ބާރަކީ އަބަދުމެ އޮންނަ އެއްޗެއް ނޫން ކަން. ބާރު އަބަދަކު ނޯންނާނެ. ކޮންމެ ކަމަކަށް ވެސް ނިމުން އާދޭ. ކޮންމެ ބޮޑު އެއްޗެއް ވެސް ފަނާވެގެންދާނެ. އެ ދުވަހަކުން އެކަންތައްތަކަށް ޖަވާބުދާރީ ނުވެވި ކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ."
ފައިސަލް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ލީޑަރު ގާސިމަށް ދެމުން އަންނަނީ ހައްގު އަދަބެއް ނޫނެވެ. އަދި މިހާރު ވެސް ބަންދުގައި ތިއްބެވި ސިޔާސީ އެހެން ބޭފުޅުން މިނިވަންކޮށް، ގައުމު ސުލްހަވެރިކަމާ އެކު ކުރިޔަށް ގެންދަން އޭނާ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ