އީގަލްސްގެ ޗެއާމަންކަމުގެ މަގާމަށް ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް

ކްލަބް އީގަލްސްގެ ޗެއާމަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިންތިހާބުކޮށްފި އެވެ.
އީގަލްސްގެ ޗެއާމަންކަމުގެ މަގާމަށް ޝިޔާމް އިންތިހާބުވެފައިވަނީ ރާނބާ ރެސްޓޯރެންޓްގައި ރޭ ބޭއްވި އީގަލްސްގެ ޖަލްސާއެއްގަ އެވެ.
ޝިޔާމް އެމަގާމަށް ހޮވުނީ ޖަލްސާގައި ތިބި މެމްބަރުންގެ އިއްތިފާގުންނެވެ. މީގެ އިތުރުން އީގަލްސްގެ ބޯޑަށް އިތުރު ވައިސް ޗެއާމަންއެއް ވެސް ވަނީ އިންތިހާބުކޮށްފަ އެވެ. އެގޮތުން ވައިސް ޗެއާމަންއަކަށް އިންތިހާބުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަހްމަދު ޠާރިގް (ޓޮމް) އެވެ.
ތޯރިގް އަކީ މަހިބަދޫ ސްޕޯޓްސް ކްލަބުގެ ވެސް ޗެއާމަންކަމުގެ މަގާމު ފުރަމުންދާ ފަރާތެވެ. ނަމަވެސް މަހިބަދޫ މިދިޔަ ސީޒަންގައި ލީގުގެ ފުލުގައި އޮވެ ނިންމާލުމާއެކު އެޓީމު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ.
އީގަލްސްގެ ޗެއާމަންކަމުގެ މަގާމަށް އިންތިހާބުކޮށްފައިވާ ޝިޔާމްއަކީ ނައިފަރުގައި ފުޓްބޯޅައިގެ އިތުރުން އިޖްތިމާއީ އަދި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަރުވައި ހިންގުމުގައި އިސްކޮށް އުޅޭ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
2014 ވަނަ އަހަރު އެ ކްލަބުގެ ޗެއާމަންކަމުން ހިޔަލީ މުހައްމަދު ރަޝީދު ވަކިކުރިފަހުން، އެ ކްލަބުގެ ޗެއާމަންކަމުގެ މަގާމު އޮތީ ހުސްކޮށެވެ.
އީގަލްސްއިން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޒުވާން ކުޅުންތެރިންތަކެއް އެ ކްލަބަށް ގެންގޮސްފައެވެ. އެގޮތުން އީމާން އަލީ އާއި ހަސަން ރާއިފް އަހުމަދު (ހަންނާ) އާއި އިހުސާން އަލީ (އިޗޫ) ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު މިޑްފީލްޑަރު އިބްރާހިމް ޒާދު ވެސް ވަނީ އީގަލްސްއަށް ބަދަލުވެފައެވެ.
އީގަލްސް މިދިޔަ ސީޒަން ނިންމާލާފައިވަނީ ލީގުގެ ތިންވަނައިގައި އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ