ކަނޑުމަތީގެ ސަލާމަތީ ކަންކަމުގައި ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުން: އެމެރިކާ

ކަނޑުމަތީގެ ސަލާމަތީ ކަންކަމުގައި ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ބާރު, އެމެރިކާއިން މިއަދު ބުނެފިއެވެ. ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، އެމެރިކާގެ ފަރާތުން ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ވަނީ ފޮނުއްވައިފައެވެ. މި މުނާސަބަތާ ގުޅިގެން ނެރުއްވި ބަޔާނުގައި އޭނާ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެމެރިކާއިން ދޭ އަހައްމިއްޔަތުކަން ހާމަކުރައްވާފައެވެ. ރޫބިއޯގެ ބަޔާނުގައި ވަނީ، ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 60 އަހަރު ފުރޭކަން ފާހަގަކުރައްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކުރިއަށް އޮތް ތަނުގައިވެސް މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެމެރިކާއިން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްސަ ގޮތެއްގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެއާއެކު ކުރާ މަސައްކަތްތައް ފުޅާކުރުމަށް އެމެރިކާއިން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސަރަހައްދަކީ ސުލްހަވެރި އަދި ހަމަޖެހޭ ސަރަހައްދެއްގެ ގޮތުގައި ދެމެހެއްޓުމަށް ރާއްޖެއިން އަދާކުރާ ދައުރު ބަލައިގަންނަވާކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކަވަމުން ރޫބިއޯ ވަނީ ސީދާ އިބާރާތުން އެކަމަށް އަލިއަޅުއްވާލައްވާފައެވެ. "ކަނޑުމަތީގެ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލަތަކުގައާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން،" ރޫބިއޯ ވިދާޅުވިއެވެ. މިނިވަން ދުވަހުގެ އުފާވެރިކަން ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައްޔިތުންގެ ނަމުގައި ދިވެހިންނަށް ކާމިޔާބީއާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ