ހިޔާލަކީ ތަފާތު އެއްޗެކެވެ. މީހުނަށް ކަންކަން ފަހުމް ވާނީ އެކިގޮތަށެވެ. އިވޭ ކޮންމެ ވާހަކައަކީ އެއްފަހަރުން އަޑުއަހާ ގަބޫލުކުރަންޖެހޭ ވާހަކައެއް ނޫނެވެ. ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކިތަންމެ ވާހަކައެއް ވެސް އަޑުއިވޭނެއެވެ. އެއްގޮތަކަށް ބަލައި ނުގަނެވޭ ވަރުގެ ވާހަކަވެސް އިވޭނެއެވެ. ބުއްދި އިންސާނުނަށް ދެއްވީ އެހެން ވެގެންތާއެވެ.
ރަށެއްގެ ހޮޅުއައްޓަކަށް އަރާލިތަނުން އިވުނީ ނާހާ ދޫކޮށްލެވޭ ކަހަލަ ވާހަކައެއް ނޫނެވެ. އެތާ އިން ދުވަސްވީ ގައިބާރުދެރަ މުސްކުޅިއާ ދައްކަމުން ދިޔަ ވާހަކަ ޝައުގުވެރިކަމާއެކު އަޑުއަހާލަން މަޖުބޫރުވިއެވެ. ދޫ ފަރިތަކަމާއެކު އެ ބޭބެއަކު ދެއްކީ އެހެންނާ ދިވެހިންގެ ތެރެއިން އާއްމުކޮށް އިވޭ ޒާތުގެ ވާހަކައެއް ނޫނެވެ.
ލަފާކުރެވޭ ގޮތުގައި އެބޭބެގެ އުމުރު ހަތްދިހައަށް ވުރެ މަތިވާނެއެވެ. މުހިންމީ އޭނަގެ އުމުރެއް ނޫނެވެ. އޭނާ އެ ދެއްކި ވާހަކަތަކެވެ. ދަންބެރަށްވުރެ ތަގުޑި ދިގުނުކޮށް އެވާހަކައަށް ދަމާހެއްޔެވެ.
ބޭބެގެ ވާހަކައިގައި ޖޯޝު ހުއްޓެވެ. ގައުމާ ދީނަށްޓަކައި އައްޑަނައަކަށް މޭ ދިއްކޮށްގެން ގުރުބާންވާން ބަޔަކު ތިބޭ ވާހަކަ ތިމަން އަހަމެވެ. ކޮންމެ ގައުމީ ދުވަހަކާއި މިނިވަން ދުވަހަކު ކުޅިޖަހާ ކުޅިހަމަ ކުރަން އެމީހުން އުޅޭތަން ދެކެމެ. އެގޮތަށް ކުޅިޖަހާ ކުޅިހަމަ ކުރުން ނޫން ކަމެއް ބަޔަކަށް ފެންނަގޮތަށް ކުރާތީ ނުފެނުނަސް، ކުރި ހަނގުރާމައެއް ނެތަސް ކޮންމެ މީހެއްގެ މޭމަތި އޮންނަނީ ކުލައާއި މެޑެލިން ފުރު ބާރުވެފައެވެ. ސީނުކަރަޔާއި އުތުރު ކަރަޔާއި އެމެރިކާގެ ޖެނެރަލެއްގެ މޭމައްޗަށްވުރެ އަހަރެމެންގެ މޭމަތި މާތަނަވަހެވެ. މިހެން ބުންޏަސް އެ ވަރެއްވާނީ ހައްގުވާވަރު ކޮންމެވެސް ކަންތައް ތަކެއް ކޮށްގެން ކަމަށް މަ ވެސް ގަބޫލު ކުރަމެވެ. ކޮއްކޮމެން އެވަރަށް އެކަމާ ނުވިސްނާށެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެއެވެ.
ބޭބެގެ ވާހަކައަށް ހުއްޓުމެއް ނާދެއެވެ. ދެންނިކަން ވިސްނާލަބަލާށެވެ. ކޯސްޓް ގާޑެއް ހަދައިގެން އެންމެ ޒަމާނީ ހަތިޔާރު އަރުވައިގެން ކަނޑުމަތީގައި ބާރުބާރަށް ފޮނުއަރުވާތާ ކިހާ ޒަމާނެއް ވެއްޖެހެއްޔެވެ. ކުޑަވެގެން މަހަށް ނިކުމެއުޅޭ މަސްވެރިން ހޯދާ މަސްބޯޓުގަޑެއް ނޫނީ ވިއްޔާ އެ މީހުންނަށް އަތުވެފައި އޮތިއްޔެއް ނޫނެވެ. މަސްބޯޓު އަތުލަން މަސްވެރިން ވަރުގެ ބަޔަކު މަދުވާނެއެވެ.
ހެސްކިޔާފައި ތެޔޮ އަންދާ ބާރަށް ދުވާ އުޅަދުތައް ވިއްކާލާފައި ބޮޑެތި މަސްދޯނި ފަހަރު ބަނދެފައި ހަތިޔާރު އަރުވާފައި އެމީހުން މަހަށް ފުރުވިއްޔާ މާ ރަނގަޅުވާނެހެން ބޭބެއަށް ހީވެއެވެ. އޭރުން ގައިމު މަސް ބާނައިގެން ވިއްކަން އޮންނާނެތާއެވެ. ހަރަދުކުރަން ކޮންމެވެސް އިތުރު އެއްޗެއް ލިބޭނެތާއެވެ. އޭރުންވެސް މަސްބޯޓެއް ފެނިއްޖެއްޔާ ފަހާލެވޭނެއެވެ. އެއްދޮނާ ދެބުޅި ޖަހާލެވޭނެއެވެ.
ދެން އަނެއްކާ އަނެއް ވާހަކައެވެ. އަތުން ހަރަދެއް ނުކޮށް ބަޔަކު މީހުން ސަރަހައްދު ބަލަހައްޓަދީދީ އޮއްވާ ޑްރޯން ގަނެގެން ގެނެސްގެން އެހެން ނޫނީ ނުހިގާ ބޮޑު ހަރަދުތަކެއް ހިނގުން ނޫން ކަމެއް ވާނެހެއްޔެވެ. އެހެނެކޭ ކިޔާފައި އައުޓު ކުރަން އުޅުނު ބަޔަކު އައުޓެއް ކުރެވުނީއެއް ނޫނެވެ. ކުރިންވެސް އެ އޮތްގޮތައް ބާއްވައިގެން އެ މީހުން ލައްވާ އެކަމާ އުޅުވުނު ނަމަ ގައިމު އެހިނގާ ބޮޑު ހަރަދު ނުހިނގާ ފަރުޖެއްސުނީސް ނޫން ހެއްޔެވެ. މި ޒަމާނަކީ އެއްބަސްވުމުގެ ޒަމާން ވިއްޔާއެވެ.
އަނެއްކާ އަނެއް ކަމެއް ދެކެބަލާށެވެ. ތިމާއާއި އަނބިދަރިންނާއި މައިންބަފައިންނަށް ބޭސްފަރުވާއަށް ދަންދެން ކޮށްދޭއިރު އަމިއްލަ މުދަލުން ވައްކަން ކުރަން މެޑެލިޖަހައިގެން އުޅޭ މީހުން އުޅޭކަމަށް ކިޔާތީ އަހަމެވެ. ބޯހިޔާވަހިކަމަށް އަޅާދިން ފްލެޓް ބަރިތައް ނިންމަންވެސް ބާރަ ތޭރައަހަރު ނެގީ ކޮންމެސް ކޮލަކުން ކޮންމެސް ބަޔަކު ލާރިގަނޑެއް ހަފާލައިގެން ކަމަށް އެ މީހުންގެ ތެރެއިން ބަޔަކު ނިކުމެ ކިޔާތަންވެސް ދުށީމެވެ. ވައްކަމެއް ނުކޮށް އުޅެވޭ ވަރަށް ބައެއް މީހުނަށް އެއްޗެއް ހަމަ ނުލިބެނީ ބާވައެވެ. އަންތަރީސް ވާވަރުވެއެވެ.
ބޭބެގެ ވާހަކަ ނިންމާލުމުގެ ކުރީން އެހެން ވާހަކައެއް ވެސް ބުންޏެވެ. ގައުމުގެ އާމްދަނީން އެންމެ ބޮޑު ހަރަދެއް އެތައްހާސް ބަޔަކަށް ބޮޑުމުސާރައާއި އިނާޔަތާއި އުޅަނދާއި ހަތިޔާރަށް ކުރުމުގެ ބަދަލުގައި އެހެން ގޮތެއް ހަމަ ނެތީ ހެއްޔެވެ. އަސްކަރިއްޔާއެއް ނެތް މިނިވަން މިފާޑުގެ ކިތަންމެ ގައުމެއް ދުނިޔޭގައި އޮންނަ ވާހަކަ އަހަމެވެ. އެހެން ނޫނަސް ޖުލައި ސައްބީހުގައި ފާހަގަކުރާ މިނިވަންކަން ލިބުނިއްޔަކީވެސް ކަނޑި ބަޑިން ހަނގުރާމައެއްކޮށް ފަތަހައެއް ހޯދައިގެނެއް ނޫން ވިއްޔާއެވެ. މިނިވަންކަން ދެމިއޮންނަނީވެސް ހަނގުރާމަ އަކުންނޫނެވެ. ސުލްހައާއި އެކުވެރިކަމާއި ގާތް ގުޅުމުންނެވެ.
އާނއެކެވެ. މުސްކުޅި އެ ބޭބެވެސް އެ ފާޅުކުރީ ހިޔާލެކެވެ. އަޑު އިވިއްޖެއެވެ. ގަބޫލުކުރުމާ ނުކުރުމަކީ އެހެން ކަމެކެވެ. އެ ބޭބެ ބުނާހެން ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ.
މިނިވަންކަމާއި އަސްކަރީބާރު | މުސްކުޅިއެއްގެ ނަޒަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ