ލަންކާގައި ޑެންގޫ ޖެހުނު މީހުންގެ އަދަދު 81،000 އިން މައްޗަށް، 61 މީހުން މަރުވެއްޖެ
ސްރީލަންކާގައި މި އަހަރުގެ މިހާތަނަށް ޑެންގޫ ހުން ޖެހުނު މީހުންގެ އަދަދު 81،000 އަށް ވުރެ މައްޗަށް ގޮސް، ބަލީގައި 61 މީހުން މަރުވެއްޖެއެވެ. އެ ގައުމުގެ, ނޭޝަނަލް ޑެންގޫ ސަވޭލަންސް ސިސްޓަމް (އެންއޭޑީއެސްވައިއެސް) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ވެސްޓަން ޕްރޮވިންސްގައެވެ. އޭގެ ތެރެއިން ވެސް ގަމްޕަހަ އަދި ކޮލަމްބޯ ޑިސްޓްރިކްޓުން ގިނަ އަދަދެއްގެ ކޭސްތައް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ސަދަން އަދި ސެންޓްރަލް ޕްރޮވިންސްގެ މާޓަރަ، ކެންޑީ، ކަލުތަރަ އަދި ރަތްނަޕޫރާ ފަދަ ސަރަހައްދުތަކުން ވެސް ގިނަ ބަޔަކަށް ވަނީ ޑެންގޫ ޖެހިފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަމައެކަނި މި މަހުގެ ތެރޭގައި ވެސް 26،000 އަށް ވުރެ ގިނަ މީހުންނަށް ޑެންގޫ ޖެހިފައިވެއެވެ. މިއީ މި އަހަރުގެ މިހާތަނަށް އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނު މަހެވެ. ލަންކާގެ ސިއްހީ އިދާރާތަކުން ބުނި ގޮތުގައި، މިއަހަރުގެ 29 ވަނަ ހަފުތާގެ ތެރޭގައި ޑެންގޫގެ ނުރައްކާ ބޮޑު 175 ސަރަހައްދެއް ވަނީ ފާހަގަކުރެވިފައެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2،300 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރަމުންދާ ކަމަށް ވެސް އެ އިދާރާތަކުން ބުނެފައިވެއެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަންކާގެ ސިއްހީ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ