އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު ލިބޭ، އިދިކޮޅު ބޭފުޅެއް: ރައީސް

އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދަކީ ސަރުކާރާ ދެކޮޅު ކަންތައްތައް ކުރައްވަން އޮޑަރު ލިބޭ، ސަރުކާރާ އިދިކޮޅު ބޭފުޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސިފަކުރައްވައިފިއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، މިނިވަންކަމުގެ ވާހަކަ ދައްކާއިރު ސަރުކާރު ހިންގާ ނިޒާމުގެ މިނިވަންކަން ވެސް ފާހަގަކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރު ރަނގަޅު ގޮތުގައި ހިންގުން ނުވަތަ "ގުޑް ގަވަނަންސް" އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "އެއީ ޑިމޮކްރަސީގެ ވެސް އެންމެ މުހިންމު އެއް އަސާސް، ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ކަންކަން ކުރުން،" ރައީސް ވިދާޅުވިއެވެ. އިންފޮމޭޝަން ކޮމިޝަނަރު އާހިދު: އާހިދަކީ، ސަރުކާރާ ދެކޮޅު ކަންތައްތައް ކުރައްވަން އޮޑަރު ލިބޭ ބޭފުޅެެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އެ މަނިކުފާނު ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ (އާރުޓީއައި) ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހޭ މައުލޫމާތު، މި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުން އާންމުކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި އެއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރަކުން ކުރި ކަމެއްކަން، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވެސް ވިދާޅުވިކަން ރައީސް ފާހަގަކުރެއްވިއެވެ. އިންފޮމޭޝަން ކޮމިޝަން ހިންގަން ހުރީ އިދިކޮޅު ފަރާތެއް، މިދިޔަ ސަރުކާރުން އައްޔަންކޮށްފައި ހުންނެވި ބޭފުޅެއް، ގައިމު ނުކުރައްވާނެ ދެއްތޯ، ސިޔާސީ ގޮތުން އަޅުގަނޑުމެންނަށް ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު މިކަހަލަ އިއުލާނެއް މިކަން އަޅުގަނޑުމެން ތަންފީޒު ނުކުރާނަމަ.ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ މަނިކުފާނު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން ވެސް މިހާރު ދަނީ، މިނިސްޓްރީތަކާ އެއްގޮތަށް، ހާމަކުރަން ޖެހޭ ހުރިހާ މައުލޫމާތެއް ހާމަކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މީގެ އިތުރުން މި ސަރުކާރުން އަންނަނީ އާރުޓީއައިތަކަށް ޖަވާބު ދީ، ނޫސް ކޮންފަރެންސްތައް ބާއްވައި، އިންޓަވިއުތައް ދީ، ރައްޔިތުންނާ މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންނާ ގާތުން މަސައްކަތްކޮށް މީޑިއާއާ ރައްޓެހިކަން ބޭއްވުމުގައި މިސާލު ދައްކަވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. https://sun.mv/221661 އާހިދު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރައްވައިފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި، ސެޕްޓެމްބަރު 6، 2021ގައެވެ. މިދިޔަ މެއި މަހުގެ ހަތް ވަނަ ދުވަހު އާހިދު ވަނީ، އަމިއްލައަށް އިސްނަގައިގެން ހާމަކުރަން ޖެހޭ ހުރިހާ މައުލޫމާތެއް އެހާތަނަށް އެއްވެސް މިނިސްޓްރީއަކުން އެއްކޮށް ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ އެކި މިނިސްޓްރީތަކުން އެ މައުލޫމާތު ހާމަކުރަމުން އައި ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާހިދު ވިދާޅުވީ، އެ ދުވަހުގެ ނިޔަލަށް ބަލާއިރު، ހުރިހާ މިނިސްޓްރީއަކުން ވަނީ ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް އާންމުކޮށްފައި ކަމަށެވެ. https://sun.mv/224596 އެހެންނަމަވެސް، މި ސަރުކާރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހުން އެދޭ މައުލޫމާތު ހާމަނުކުރުމުގެ މައްސަލަ ބޮޑެވެ. އެގޮތުން ސިޔާސީ މުވައްޒަފުންނާ ގުޅޭ މައުލޫމާތު ހިއްސާނުކުރުމަށް މައްސަލަ ކޯޓަށް ވެސް ވައްދައިފައިވެއެވެ. މިދިޔަ މާރިޗު މަހު އާހިދު ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް، ގާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން ޖަވާބު ނުދޭކަން ފާހަގަ ވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެފަދަ މައްސަލައެއްގައި، އިންފޮމޭޝަން ކޮމިޝަނުން ވަނީ މި މަހު ރައީސް އޮފީސް ޖޫރިމަނާ ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ