އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ އިތުރަށް ރަނގަޅުކުރުމަށް: ރައީސް

އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނެކަމަކީ ސިއްހީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް، މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ މަރުކަޒުތަކަށް ސަރުކާރުން އައްޔަންކޮށްފައިވާ އިސްފަރަތްތަކާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ އެކިކަންކޮޅުތަކުގެ ސިއްހީ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް މިއަދުގެ ބައްދަލުކުރެއްވުމުގެ ތެރެއިން ބައިވެރިންނާ ދެއްކެވި ވާހަކަފުޅުގައި މުޅި ރާއްޖޭގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ސިއްހީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު ވެސް ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ. އެކަމަކު ސިއްހީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ އެކިކަންކޮޅުތަކުގެ ސިއްހީ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް މި ބައްދަލުކުރެއްވުމުގައި ސިއްހީ މަރުކަޒުތަކުގެ އިސްވެރިން ވަނީ މި ދައުރުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. ބައިވެރިންގެ ވާހަކައިގައި ހެލްތް ސެންޓަރުތަކުގެ ލެވަލް އަޕްގްރޭޑްކުރުމާއި، މުވައްޒަފުން މަދުވުމުގެ މައްސަލައާއި، މޮބައިލް ލެބޯޓްރީގެ ޚިދުމަތާއި ބޭސް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތައް ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން ޕަބްލިކް ހެލްތް ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގެންދިއުމަށް ބޭނުންވާ ބައެއް ކަންކަމާއި، އަދި ބައެއް ޚިދުމަތްތަކާއި ވަސީލަތްތައް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތަކުގެ ވާހަކަ ވެސް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ އެކިކަންކޮޅުތަކުގެ ސިއްހީ ދާއިރާގެ އިސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް މިއަދުގެ ބައްދަލުވުމުގައި ރައީސް، ވަނީ ސިއްހީ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރަން ކަނޑައަޅާފައިވާ ބައެއް ކަންކަމާއި އަދި މިހާރު އެކި މަރުހަލާތަކުގައި ހުރި ސިއްހީ ދާއިރާގެ ބައެއް މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކުރިޔަތް އޮތް ދުވަސްތަކުގައި ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ބައިވެރިންނަށް އަރުވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޚާއްސަކޮށް އަތޮޅުތަކުގެ ސިއްހީ ޚިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މީގެ ކުރީގެ ސަރުކާރަކުން ނުދޭހާ ސަމާލުކަން މިސަރުކާރުން ދެމުން ގެންދާކަން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ