އެމްއެމްޕީއާރްސީ ހިޔާނާތް: ދުންޔާ އޭސީސީއަށް މިއަދު ހާޒިރުކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވެވި ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.
އޭސީސީއަށް ހާޒިރުވާން ދުންޔާ އަށް އެންގީ މިއަދު 11:00 އަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫނު އޭސީސީއަށް ހާޒިރުކުރަނީ ފެބްރުއަރީ 2014 އިން އޮކްޓޫބަރު 2015 އަށް އެމްއެމްޕީއާރްސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގަ އެވެ.
މީގެއިތުރުން އެ ދުވަސްވަރު ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގަ އެވެ.
ދުންޔާ މައުމޫނު އެސްޓް ރިކަވަރީ ކޮމިޝަނަށް މެއި 30، 2021ގައި ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ބުނާ 200،000 ރުފިޔާ އެކަމަނާއަށް ދުވަހަކުވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އެއްވެސް ފައިސާ އަދި މަންފާއެއްވެސް ދުވަހަކުވެސް ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ދުންޔާގެ ވަކީލުންގެ ގޮތުގައި އެސެޓްސް ރިކަވަރީ ކޮމިޝަންގައި ހަރަކާތްތެރިވި އެސްއެޗްސީ ލޯޔާސް އެލްއެލްޕީ އިން މީގެ ކުރިން ބުނެފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން މޭ 12، 2021ގައި ނެރުނު ރިޕޯޓްގައި ދުންޔާގެ ނަން އޮތްކަން އެކަމަނާއަށް އެނގިވަޑައިގަތީ ވެސް ނޫސްތަކުން ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ 281 ބޭފުޅެއްގެ ނަން ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން ވަނީ އާންމުކޮށްފަ އެވެ. މިލިސްޓްގައި ރައީސް ޔާމީން ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި މިސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ނިމިދިޔަ މަޖިލީހުގެ މެންބަރުންނާއި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ