އަތޮޅުތެރޭގެ ސްކޫލެއްގެ ދަރިވަރަކު ފުރަތަމަ ފަހަރަށް ގާލްގައިޑުގެ ޕްރެސިޑެންޓްސް ބެޖް ހާސިލް ކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި ފާތުމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށް ދެއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިޔާގެ އޮފީހުގައެވެ. "ޕްރެޒިޑެންޓްސް ބެޖް" ހަވާލުކުރުމުގެ މި ރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި މިނިސްޓާ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު އަލީ އާއި، ޗީފް ކޮމިޝަނަރު ނިއުމަތު ޝަފީގު ބައިވެރިވެވަޑައިގެންނެވިއެވެ.
"ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާތުމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރުހަބާ ވިދާޅުވެ ބެޖް ހާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތައުރީފް ކުރައްވާފައެވެ. އަދި ގާލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، 1998 ވަނަ އަހަރު، "ޕްރެޒިޑެންޓްސް ބެޖް" ތައާރަފް ކުރި ފަހުން، ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރުކަން ވެސް ފާހަގަކުރައްވާފައެވެ. އަދި މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގާލްގައިޑަކު، މިބެޖް ހާސިލްކުރި ފުރަތަމަ ފަހަރުކަން، ފާހަގަކުރައްވައި، ޔުމްނާ ތައުލީމް ހާސިލްކުރި ބ އަތޮޅު ތައުލީމީ މަރުކަޒަށް ވެސް ޔުމްނާ ހޯދައިދިން ފަހުރުވެރި ޝަރަފެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގާލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ޔުމްނާ ވަނީ، އެބެޖްގެ އިތުރުން، ގާލްގައިޑު ހަރަކާތުގެ 31 ބެޖެއް ހާސިލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ