ކުޑަފަރީ ކައުންސިލްގެ ރައީސް ހައްޔަރުކުރަން ފުލުހުން އެ ރަށަށް، ރައްޔިތުން އިހުތިޖާޖު ކުރަނީ

ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު ހައްޔަރު ކުރަން ފުލުހުން އެ ރަށަށް ގޮސްފިއެވެ.
އެކަން ކަށަވަރު ކޮށްދެއްވާ "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ މީގެ ދެ ދުވަސް ކުރިން އޭނާއާއި ކައުންސިލް މެންބަރު މުސްލިހު ފަހީމް ހައްޔަރު ކުރަން އުޅޭކަމަށް، އެފްއެސްއެމްގެ ޑީއެމްޑީ ޔައުނީއާއި ހިންނަވަރުގެ ޔޫތު ސެންޓަރާ ހަވާލުވެ ހުންނަ ބޭފުޅެއްގެ އިތުރުން އެ ރަށު ކައުންސިލްގެ ކުރީގެ މެންބަރަކު ހުރި ތަނެއްގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ކޮއްކޮ، އިސްމާއިލް އީސާ ދައްކާފައިވާ ކަމަށެވެ.
އިންތިހާބު ނިމުމާއެކު އެކަން ކުރާނެ ކަމަށް ވެސް ބުނި ކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ އެ ވާހަކަތަކަކީ ފޮންޏަށް ދެއްކި ވާހަކަ ތަކެއް ކަމަށް ދެކި މަޖިލިސް މެންބަރެއް އެދިގެން އެފަދަ ކަމެއް ފުލުހުން ކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިއަދު ހަވީރު ފުލުހުން އެ ރަށަަށް ދާން އުޅޭ ކަމަށް މީހެއްގެ ފަރާތުން އެނގުނު ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ މިހާތަނަށް ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާ އިރު ފުލުހުން އެރަށަށް ދިޔަ ނަމަވެސް އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ޖެހިގެން އުޅޭ މައްސަލަ ތަފްސީލް ކޮށްދެއްވަމުން ޝަމީމް ވިދާޅުވީ އެ ރަށު މީހަކަށް ކުއްޔަށް ދީފައިވާ ބިމެއްގައި މެންބަރު އީސައާއި އެ ރަށުގެ އިތުރު މީހަކު ޕާޓްނާޝިޕް އުސޫލުން ވިޔަފާރި ކުރަމުން ދާ ކަމަށާއި އޭނާ ހައްޔަރު ކުރަން އެދިގެން އުޅޭ ކައުންސިލަރަކީ އީސައާއެކު ވިޔަފާރި ކުރަމުން ދާ ފަރާތުގެ ދަރިއެއް ކަމަށާއި އެ މީހުން ދެކެނީ އެތަން އެ މީހުންގެ އަތުން ފޭރިގަންފައިވަނީ ކަމަށެވެ. އަދި މީގެ ކުރިން އެ މީހުން ގޮސް އެތަނަށް ވަން ދުވަހެއްގައި އެތަނަށް ފުލުހުން ވެސް ދިޔަ ކަމަށާއި އެ މީހުން އެތަނަށް ވަށްއިރު ޝަމީމްވެސް ހުރުމުން އެކަން ކުރުމުގައި އިސްކޮށް އޭނާ ބައިވެރިވި ކަމަށް ބުނެ މިހާރު އޭނާ ހައްޔަރު ކުރަން އުޅެނީ ކަމަށެވެ.
އެ ދުވަހު ފުލުހުން ގޮސް އެ މައްސަލައަކީ މަދަނީ މައްސަލައަކަށް ވުމާ އެކު ސިވިލް ކޯޓަށް ހުށަހަޅައިގެން ނުވަތަ ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ފުލުހުން މީގެ ކުރިން ވަނީ އެދިފައެވެ.
ޝަމީމް ވަނީ މެންބަރު އީސަގެ ބާރު ދައްކަން މަސައްކަތް ކުރާ ކަމަށާއި އެހެން އެކަން އެކުރަނީ އިންތިހާބުގެ އެ ރަށުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހިގެނެ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ