މިއަހަރުގެ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިފަދައިން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތްކުރާ މުވައްޒަރުންގެ ތެރެއިން 35 އިންސައްތަ އެލަވަންސް ނުލިބޭ، މުވައްޒަފުންނަށް މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ އެލަވަންސް ލިބޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ސިއްހީ ދާއިރާއަށްވަނީ ޖުމްލަ ފަސް ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ސިއްހީ ދާއިރާގެ އިތުރުން ރައީސް ވަނީ ތައުލީމީދާއިރާއާއި، ޝަރުއީ ދާއިރާއާއި، އިމާމުންނާއި، މުދިމުންނާއި، ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ ތެރެއިން ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންންގެ މުސާރަ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ބޮޑުކޮށްފައިވާއިރު، ޔުނިވާސިޓީ ލެކްޗަރުންގެ މުސާރަވެސް ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފައެވެ.
ޔުނިވާސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެސްފައިވާ ބަދަލާއެކު 760 މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ ސަރުކާރުން އެ ކަމަށް ހަރަދުކުރައްވާނެ ކަމަށް ރައީސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުވާނެ: މިއުވާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ