ހިލްޓަނަށް ފައިސާ ދައްކަން ކުރި ހުކުމް ސަން ކުންފުނިން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ހިލްޓަން އިންޓަނޭޝަނަލް 24 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ސަން ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އެ ކުންފުނިން އިސްތިއުނާފުކޮށްފިއެވެ.
ފާއިތުވި ބުރާސްފަތި ދުވަހު ސަން ކުންފުނިން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިކަން އެ ކޯޓުގެ ވެބްސައިޓުން ދެއްކި ނަމަވެސް، އެ ކޯޓަށް މައްސަލަ ބަލައިގަތުމަށް މިހާތަނަށް އެ ކޯޓުން ނިންމާފައިނުވެއެވެ.
މި މައްސަލައަކީ ނ.އިރުފުށި ހިންގުން ހިލްޓަންއަށް ދިނުމަށް ސަން ކުންފުނިން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލުކުރުމާ ގުޅިގެން ހިލްޓަންއިން ސިންގަޕޫރުގެ އާބިޓަރޭޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އާބިޓަރޭޝަނުން 24 މިލިއަން ޑޮލަރު ދިނުމަށް ސަންގެ މައްޗަށް އަމުރުކުރި މައްސަލައެވެ.
އެ މައްސަލާގައި ސިންގަޕޫރުގެ އާބިޓަރޭޝަނުން ނިންމި ނިންމުން ތަންފީޒުކޮށްދިނުން އެދި ސިވިލް ކޯޓަށް ހިލްޓަނުން ހުށަހެޅުމުން އެ މައްސަލާގައި ނިމުނު ހަފުތާގައި ނިންމާފައިވަނީ އެ ނިންމުން ބަލައިނުގަނެވޭނެ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
އަދި އެ ފައިސާގެ ތެރެއިން ސަން ކުންފުނިން ނުދައްކައި ބާކީ ހުރި ފައިސާ 14 ދުވަހުގެ ތެރޭގައި ހިލްޓަނަށް ދައްކައި ޚަލާސްކުރުމަށާއި، ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ހުރިހާ ޖޫރިމަނާއެއްވެސް ދެެއްކުމަށް ސަން ކުންފުންޏަށް ސިވިލް ކޯޓުން އަމުރުކުރިއެވެ.
ރާއްޖޭގެ އާންމު ސިޔާސަތާ ޚިލާފަށް ޤާއިމުކުރި އެއްބަސްވުމެއްކަމަށް ބުނެ އެ އެއްބަސްވުމުގެ ދަށުން ހިލްޓަނަށް ފައިސާ ދައްކަންނުޖެހޭނެކަމަށް ސަން ކުންފުނީގެ ފަރާތުން ކޯޓުގައި ވަކާލާތުކުރި ނަމަވެސް އެކަމުގެ ގާނޫނީ ހުއްޖަތެއް ސަން ކުންފުންޏަށް ދެއްކިފައިނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ.
އެ ފައިސާ ދައްކަންޖެހޭނެކަމަށް ނިންމާފައިވަނިކޮށް ސަން ކުންފުނީގެ އޯނަކު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސިޔާމުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް ވެރިކަންކުރާ އެމްޑީޕީއާއެކު އޭނާގެ އެމްޑީއޭއިން ކޯލިޝަން ހެދުމަށް ނިންމާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމް އެފަދައިން ނިންމެވީ ހިލްޓަނަށް ދައްކަންޖެހޭ ފައިސާ އަދާކުރުމަށް ސަން ކުންފުންޏަށް ފަސޭހަ ގޮތްތަކެއް ސަރުކާރު މެދުވެރިވެގެން ހަމަޖައްސައިދިނުމަށް ރައީސް އިބްރާހީމް އެއްބަސްވެވަޑައިގަތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ