އެމްއޭސީއެލް އިން ލީޑިން ފަޔާމޭން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓް އިމަޖެންސީ ސާވިސަސް އޮޕަރޭޝަނަށް ބޭނުންވާ ހުނަރުވެރި އަދި ގާބިލް ފަޔާ ވެހިކަލް އޮޕަރޭޓަރުން އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ލީޑިން ފަޔާ ފައިޓާ ކޯހުގެ 13 ވަނަ ބެޗް ނިންމާލައިފި އެވެ. 
މިކަމަށްޓަކައި އެއަރޕޯޓުގައި މިއަދު އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ޗީފް ހިމަން ރިސޯސަސް އޮފިސަރ، ގުރައިޝާ އިސްމާއީލްއެވެ. އަދި ކާޑެއްދޫ އެއަރޕޯޓުގެ ޖެނެރަލް މެނޭޖަރ އަހުމަދު ހަބީބާއި އެމް.އޭ.ސީ.އެލްގެ އެއަރޕޯޓް އެމަރޖެންސީ ސަރވިސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 
ފަސް ހަފްތާގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯހަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި ނޭޝަނަލް ފަޔާ ޕްރޮޓެކްޝަން އެސޯސިއޭޝަން (އެންއެފްޕީއޭ) ގެ މިންގަނޑުތަކާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި މިކޯހުގައި ކިޔަވައިދެއްވާފައިވަނީ އެމް.ސީ.އޭ.އޭގެ ސެޓިފައިޑް ޓްރެއިނަރުންކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެެވެ. 
Advertisement
ޖުމްލަ 19 ފަޔަރމަނުން މި ތަމްރީން ޕްރޮގްރާމްވަނީ ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެމްއޭސީއެލްގެ އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ 17 ފަޔަރމަނުންނާއި ކާޑެއްދޫ އެއަރޕޯޓުގެ 2 ފަޔަރމަނުންނެވެ. މި ކޯހުގައި އެއަރޕޯޓް އިމަރޖެންސީ ސަރވިސަސް އޮޕަރޭޝަނަށް ބޭނުންވާ ފަޔަރ ވެހިކަލް ތައް އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓްކުރާނެ ގޮތުގެ ތިއޮރިޓިކަލް އަދި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.
އެމްއޭސީއެލްގެ ލީޑިން ފަޔާމޭން ކޯސް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ އެމްއޭސީއެލް 
އެމްއޭސީއެލް އިން ބުނީ ކުންފުނީގެ ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންނަށް ހާއްސަ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކޯހަކީ ކާޑެއްދޫ އެއާޕޯޓާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށާ ފެންވަރު ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދިނުމަށް ކުންފުނިން ކުރާ މަސައްކަތުގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެކަން ކަށަވަރުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ކޯހާއި ގުޅިގެން އެމްއޭސީއެލް ގެ  ޑެޕިއުޓީ ޗީފް ހިއުމަން ރިސޯސަސް އޮފިސަރ ގުރައިޝާ އިސްމާއިލް ވިދާޅުވީ ހުރިހާ ފަޔަރމަނުންވެސް އެމީހުންގެ ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އެކަކު އަނެކަކަށް އިޙްތިރާމާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް ޢަމަލުކުރަންޖެހޭނެ ކަމަށެވެ.
"މިކޯހުގެ ސަބަބުން އެއަރޕޯޓް އިމަރޖެންސީ ސަރވިސަސް އޮޕަރޭޝަނަށް ބޭނުންވެފައިވާ، ތަމްރީނު ލިބިފައިވާ އަދި ހުނަރުވެރި ފަޔަރ ވެހިކަލް އޮޕަރޭޓަރުން ލިބިގެންދާނެ". ޑެޕިއުޓީ ޗީފް ހިއުމަން ރިސޯސަސް އޮފިސަރ ގުރައިޝާ އިސްމާއިލް ވިދާޅުވިއެވެ. 
އެމްއޭސީއެލްގެ ލީޑިން ފަޔާމޭން ކޯސް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ އެމްއޭސީއެލް 
އެމްއޭސީއެލް އިން އިތުރަށް ބުނީ ލީޑިން ފަޔާމޭން ކޯހަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާ އޭވިއޭޝަން އިންޑަސްޓްރީގެ އެކިދާއިރާތަކަށް އިތުރުވަމުންދާ ޑިމާންޑްތަކަށް އެމްއޭސީއެލް އިން ހާއްސަ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ